ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު ހޯދަން ދެވަނަ ފަހަރަށް ޖޭއެސްސީ އިން އިއުލާން ކުރީ ފުރަތަމަ ފަހަރު އިއުލާންކޮށްގެން ކުރިމަތިލީ އެންމެ މީހެއް ކަމަށްވާތީ އެވެ. އެއީ ކުރީގެ ޑީޕީޖީ މަރްޔަމް ނިހާޔަތެވެ.
ދެވަނަ ފަހަރަށް އިއުލާން ކުރުމުން ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދުއާއެކު ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވި އެވެ.
ޖޭއެސްސީ އިން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ނިންމި އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ސްޓޭޓް އެޓާނީއެއްގެ މަގާމުވެސް ފުރުއްވާފައެވެ.
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.