ގއ. ނިލަންދޫ

މާދެލި މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކޮށްފި

ދ. މާދެލީގައި އަޅަން ނިންމާފައި އޮތް މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމައިފި އެވެ.

މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި -- އޮގަސްޓް 17، 2023 ގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދެކެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް މިއަދު ވިދާޅުވީ މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކުރަން ނިންމީ ރިސޯޓެއް ހެދުމަށް ބަޔަކަށް މާދެލި ދީފައި އޮތުމުން ބަދަލު ދީފައި އެ ރަށް ނެގުމަށް މިވަގުތު ދައުލަތަށް މާލީ ބުރައަކަށްވާތީ ކަމަށެވެ.

މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ އެހެން ރަށަކަށް ބަދަލުކުރަން ނިންމިއިރު ނިލަންދޫ އިހްތިޔާރު ކުރީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަމުގައި ޖަވާބެއް ދެއްވޭނީ ސަރުކާރު ކަމާ ގުޅޭ އެންމެ އިސް ބޭފުޅުންނަށް ކަމަށެވެ.

"އެއީ ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ކުރާ ކަންކަން ކަމަށްވާތީ އެކަމުގައި އެއްޗެއްް ދަންނަވަން އެނގޭނީ މިނިސްޓަރަށް ނުވަތަ ރައީސް އޮފީހަށް،" އޭނާ ވިދާޅުވި އެވެ.

މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކޮށްފައި މިވަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހެދުމަށް މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައި ވަނިކޮށެވެ.

މާދެލީގައި ރިސޯޓެއް ހެދުމަށް ޖުލައި 5، 2023 ގައި އެ ރަށް ނަގާފައިވަނީ އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުންނެވެ. ވޮއްމުލި ރިސޯޓު ހިންގާ އެ ކުންފުނިން މާދެލީގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުަގައި 7.2 މިލިއަން ޑޮލަރު ނުވަތަ 111،024،000 ރުފިޔާ ވަނީ ދައްކާފަ އެވެ.

މާދެލީގައި އަޅަން ނިންމާފައި އޮތް މަސް ފެކްޓަރީ ފ. ނިލަންދޫ އަށް ބަދަލުކުރަން ނިންމިއިރު މި މަހު 28 ވަނަ ދުވަހު ހުވާކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރަކީ ރައީސް ޑރ. މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތިމަތު ސައުދާ އެވެ.