ވެރިކަން ލިބިވަޑައިގެންފިނަމަ ދިރާސީ އާ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރެއްވުމާ އެކު ކަންބޮޑުވުން ފާޅުކުރި ފަރާތްތަކަށް އިތުރު ހައްލުތަކެއް މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ކުރީގައި ފަށަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ ގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އޮގަސްޓް މަހު އެވެ.
މުއިއްޒު ރޭ އިއުލާން ކުރެއްވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފެށުމަށްފަހު ޑިސެމްބަރުގައި ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށުމަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިހާރު އޮތް ގޮތަށް މިސަރުކާރުން ބަދަލުކުރީ ޑިސެމްބަރަކީ ޓޫރިޒަމް ޕީކް ސީޒަނަށް ވެފައި އެ ދުވަސްވަރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކާ އެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ނުލިބޭތީ އެ މުވައްޒަފުން ސަރުކާރަށް ހުށަހަޅައިގެންނެވެ.
ސްކޫލުތަކުގެ ދިރާސީ އަހަރު މިހާރު ނިމެނީ ޖޫން ގައެވެ. ކޮންމެ އަހަރެއްގެ ޖޫން ޖުލައި އަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އެންމެ ލުއި ދުވަސްވަރު ނުވަތަ އެމީހުންގެ އޮފް ސީޒަން އެވެ. ނަމަވެސް އެއީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އެންމެ ގޯސް ދުވަސްވަރެވެ.
ފ. ނިލަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް އަންނަ ކަހަލަ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ސްކޫލް ދަރިވަރުންނަށް ޑިސެމްބަރު ޗުއްޓީގެ އިތުރުން ޖޫން ޖުލައި މަހުވެސް ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ. ޖޫން ޖުލައިގައި ހަތަރު ހަފްތާގެ ޗުއްޓީއެއް ހަމަޖައްސާނީ ކަރިކިއުލަމް އެއްކޮށް ކަވަރުކޮށް އަދި ދަރިވަރުންގެ އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭ ގޮތަށް ކަަމުގައިވެސް ވިދާޅުވި އެވެ. ކުރީގައި އޮތް ގޮތަށް ދިރާސީ އަހަރު ބަދަލުކުރަން މެނިފެސްޓޯގައި ހިމެނުއްވީ ތައުލީމީ ދާއިރާގެ އިސް، ތަޖުރިބާކާރު ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެކަމާ ގުޅޭގޮތުން ވަރަށް ގިނަ މަޝްވަރާތަކެއް ކުރެެއްވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވާ ވާހަކަ އަކީ ޑިސެމްބަރަށް ކުރީގައި އޮތްގޮތަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަކުންނެއް ޓޫރިޒަމްގެ ސެކްޓާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކަށް އެއްވެސް ގެއްލުމެއް ލިބުނަކަ ނުދޭނެކަން،" މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އޮޑިދޯނި ފަހަރަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ އެތެރެކުރާއިރު މިހާރު ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށެވެ. މިކަމުގެ ސަބަބުން އޮޑިދޯނި ފަހަރު ބަންނަން ބޭނުންވާ މީހުންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބި މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ބޭރު ފައިސާއިން މިފްކޯއަށް ލިބޭ ފައިދާއިން މަސްވެރިންނަށް ނަފާ ލިބިގެންދާ ގޮތަށް މިދާއިރާގެ ސިޔާސަތު ބައްޓަންކުރެވިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.
ބޭންކުތަކުން އާންމު މުވައްޒަފުންނަށް ލޯން ދޫކުރާ އުސޫލުން މަސްވެރިންނަށް ވެސް ލޯން ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ދާއިރާ ކަމަށްވާތީ އެދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ހައުސިން ސްކީމެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެމީހުންނަށް ހާއްސަ ރިޓަޔަމެންޓް ސްކީމެއް ތައާރަފްކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ރިޓަޔާ ކުރާއިރުގައި ވަރަށްވެސް ރަނގަޅު ޕެކޭޖެއް އިރާދަކުރެއްވިއްޔާ ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ހަނިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓުން ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތަށް ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓް ބަދަލުކުރާނެ ކަމަށެވެ. އެފަދަ ތަރައްގީގެ މަޝްރޫއު ހިންގޭ ތަންތަނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ގިނަ ބާވަތްތައް ރާއްޖޭން ލިބޭނެ ނިޒާމު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.