ޑރ. މުހައްމަދު މުއިއްޒު

ދިރާސީ އަހަރު ބަދަލުކުރާ ވާހަކައާއި އެކު ބޮޑެތި ކަންބޮޑުވުންތަކެއް

ދިރާސީ އާ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ ސްކޫލު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމާއި ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ކަމަށާއި އެކަމުގެ ތަފުސީލު ފ. ނިލަންދޫގައި މިރޭ ބާއްވާ ޖަލްސާގައި ހާމަކުރައްވާނެ ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ދިރާސީ އާ އަަހަރުގެ ކިޔެވުން ފަށާ ދުވަސް ކުރިން އޮތް ގޮތަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާލުވީ ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ.

އެކަމާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ ދަތިވާ ގޮތަށް މިސަރުކާރުން ކުރި އެއް ކަމަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހު ބަދަލުކުރުމެވެ.

މުއިއްޒު ވިދާޅުވީ މިހާރު އޮތް ގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިންމާފައި ދަރިވަރުން ޖޫންގައި ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށާއިރު އެއީ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރު ކަމަށްވާތީ ދަރިވަރުންނަށް ރަށްރަށަށް ނުދެވި ޗުއްޓީ ބޭކާރުވާ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ކުރީގައި ފަށަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ ގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އޮގަސްޓް މަހު އެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިހާރު މިއޮތް ގޮތަށް ބަދަލުކުރީ އަހަރުގެ ފަހުކޮޅަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދިމާވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ދުވަސްވަރު ޗުއްޓީ ނުލިބޭތީ އެކަމަށް ބަލައިގެން ކަމަށް މިސަރުކާރުން ބުނާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ގޮތަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބޭއްވުމުން އެއީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށްވެސް ސްކޫލު ޗުއްޓީ ބޭނުން ނުކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.