ޑރ. މުހައްމަދު މުއިއްޒު

އެއާ އެމްބިއުލެންސްގެ ހިދުމަތް ތައާރަފް ކުރާނަން: މުއިއްޒު

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރެއްގައި އެއާ-އެމްބިއުލެންސްގެ ހިދުމަތް ރާއްޖޭގައި ފަށާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސީޕްލޭން މެދުވެރިކޮށް ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލޭނެ ނިޒާމެއް އޭނާގެ ސަރުކާރެއްގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.

"ސީ ޕްލޭންގެ އެއާޕްލޭނެއް ޕައިލެޓް ޕްރޮޖެކްޓުގެ ގޮތުގައި އެކަތި ފުރޮޅުލާ ފުލީ އިކުއިޕްޑް އެއާ އެމްބިއުލޭންސަކަށް ބަދަލުކޮށް އުދުއްސަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ސީ އެމްބިއުލާންސް ވެސް އިތުރު ކުރައްވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އޭނާގެ ސަރުކާރެއްގައި ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އެއްވެސް ހަރަދެއް އެމީހުންގެ އަތުން ކުރަން ނުޖެހޭ ގޮތަށް އާސަންދަ ނިޒާމު ބަދަލުކުރައްވާނެ ކަމަށެވެ.

"ރައްޔިތުން ނުޖެހޭ އެ ތަކުލީފް ނަގާކަށެއް. އެހެންނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް އެކަހަލަ ހުރިހާ އުނދަގުލެއް މިޖެހެނީ،" ސަރުކާރަށް ރައްދުދެއްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުން އައިވީއެފް ޓްރީޓްމެންޓަށް ހަދަން ބޭނުންވާނަމަ އާސަންދައިގެ ތެރެއިން އެ ފަރުވާ ހޯދޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

މިސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ -- ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދުވެސް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑުގެ ޕްރޮފެޝަނަލް ބެކްގްރައުންޑުން ވިސްނާ އިރުގައި އެ ޕްރޮޖެކްޓަކީ ވަރަށް ހަގީގަތުގައިވެސް ވަރަށް ކަންބޮޑުވުން އެބަހުރި އެ މަޝްރޫއު އެގެންދާ ގޮތާ މެދުގައި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ކުޑަހުވަދޫއަށް ކޮށްދޭނެ ކަންކަން ވެސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެރަށުގެ ބަންދަރު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކުޑަހުވަދޫގައި ހިއްކި 40 ހެކްޓަރުގެ ބިމުގައި އަސާސީ ހިދުމަތް ލިބޭނެގޮތް ވެސް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. ޒުވާނުންގެ ދުޅަހެޔޮކަމަށްޓަކައި ކުޅިވަރު ކުޅެވޭނެ އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އަދި ކުޑަހުވަދޫގެ ބިން އިތުރުކޮށް ގެސްޓުހައުސް އަދި ގެދޮރު ބިނާ ކުރުމަށް ލުއި ލޯން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވ އެވެ.