ވެރިކަން ލިބިވަޑައިގެންފިނަމަ ދިރާސީ އާ އަަހަރުގެ ކިޔެވުން ފަށާ ދުވަސް ކުރިން އޮތް ގޮތަށް ބަދަލުކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުން ވެރިކަން ކުރަނީ ދިވެހި ރައްޔިތުންނަށް ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ފަސޭހަތަކާއި ދަތިތައް އަދި ރައްޔިތުންގެ އިހްސާސްތައް ސަރުކާރަށް ނޭނގެނީ އެހެންވެގެން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރެއް ހޮވަނީ ރައްޔިތުންގެ ވޯޓުން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވެން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.
"އެހެންވީމާ ސަރުކާރަކުން ކަންކަން ކުރަން މިޖެހެނީ ރައްޔިތުން އެދެނީ ކޮން ކަމެއްކަން ބަލައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައްޔިތުންނަށް ފަސޭހަވާ އުދަނގޫވާ ކަންކަން ބަލައިގެން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ ދަތިވާ ގޮތަށް މިސަރުކާރުން ކުރި އެއް ކަމަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހު ބަދަލުކުރުމެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވެސް އަދި އޭނާއަށް ވެސް އެތައް ރައްޔިތެއްގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށާއި އެކަމަކު ސަރުކާރުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް ސަމާލުކަން ނުދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ކުރީގައި ފަށަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ ގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އޮގަސްޓް މަހު އެވެ.
މުއިއްޒު ވިދާޅުވީ މިހާރު އޮތް ގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިންމާފައި ދަރިވަރުން ޖޫންގައި ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށާއިރު އެއީ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރު ކަމަށްވާތީ ދަރިވަރުންނަށް ރަށްރަށަށް ނުދެވި ޗުއްޓީ ބޭކާރުވާ ކަމަށެވެ. އަދި މިހާރު އޮތް ގޮތަށް ދިރާސީ އާ އަހަރު ބޭއްވުމުން މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވާ ދަރިވަރުން ތަފާތު ހަރަކާތްތަކަށް ޕްރެޓިކްސް ކުރަންޖެހޭތީވެ އެކަމާ ގުޅިގެންވެސް ޗުއްޓީގެ ބޭނުން ނުހިފޭ ކަަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިހާރު މިއޮތް ގޮތަށް ބަދަލުކުރީ އަހަރުގެ ފަހުކޮޅަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދިމާވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ދުވަސްވަރު ޗުއްޓީ ނުލިބޭތީ އެކަމަށް ބަލައިގެން ކަމަށް މިސަރުކާރުން ބުނާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ގޮތަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ބޭއްވުމުން އެއީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށްވެސް ސްކޫލު ޗުއްޓީ ބޭނުން ނުކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ދިރާސީ އަހަރަށް ބަދަލު ގެންނަނަމަ ދެން އެކަން ކުރަން ވަގުތުވެސް ބޭނުންވާނެ ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކުރިން އޮތް ގޮތަށް ދިރާސީ އަހަރު ބަދަލުކޮށް އާ ބަދަލާ އެކު 2025 ވަނަ އަހަރުގެ ޖެނުއަރީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނެ ކަމުގައި ވިދާޅުވި އެވެ.
"މިހާރު 2023 މި ނިމެނީ. އަދި އާ ދިރާސީ އަހަރު ފެށިފައިވަނީ. ދެން ކަރިކިއުލަމްގެ އެ ނަގަންޖެހޭ ފިލާވަޅުތައް ނަގައިގެން ހަމަކޮށްގެން ދެން 2025ގެ ޖެނުއަރީން ފެށިގެން އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރެވޭނީ. އެހެންވީމާ 2025ގެ ޖެނުއަރީން ފެށިގެން އަހަރު ފެށޭ ގޮތަށް ޖެނުއަރީން ފެށޭ ގޮތަށް ހެދީމާ އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ދެން އަނެއްކާވެސް ބޮޑު ބަންދަށް ދާނީ ޑިސެމްބަރަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ދިރާސީ އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރީމާ ރައްޔިތުންގެ ގިނަ ބަޔަކަށް ފައިދާވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ވާހަކަދައްކައި މަޝްވަރާކޮށްގެން އެ ފަރާތްތަކަށްވެސް އެދެވޭ ފޯމިއުލާއެއް ހޯދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.