ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓާލައި ސުލްހަވުމަށް މިސްރުން ހުށަހަޅާފައި އޮތް އެއްބަސްވުން ގަބޫލުކޮށްފި ނަމަ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވައްޓަލާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޗް އިންޒާރު ދެއްވައިފި އެވެ.
ސްމޮތުރިޗް އެކްސްގައި ވިދާޅުވެފައިވާ ގޮތުން ރަފާހްއަށް އަރައިގަތުމަށް އަސްކަރިއްޔާއިން ވެފައި ހުރި ތައްޔާރީތައް ހުއްޓާލައި އަމާން ދިދަ ނަގައިގެން ޣައްޒާއިން ފައިބަން އަމުރެއް ނެރުއްވައިފި ނަމަ އޭގެ މާނަ އަކީ އިޒުރޭލުގެ ބޮޑުވަޒީރުގެ މަގާމުގަައި "ތިޔަ ބޭފުޅާ" ހުންނެވުމަށް ކުފޫހަމައެއް ނުވެ އެވެ.
ހަމާސްއަށް އެއްވެސް ގޮތެއް ނުހަދައި، އަސީރުން ދޫކޮށްލަން އޮތް އެއްބަސްވުން ތަންފީޒުކުރެއްވުމަށް ޣައްޒާ ދޫކޮށް ފޭބުމަކީ މޮޔަކަމެއް ކަމަށް ވެސް މާލީ ވަޒީރު ވިދާޅުވި އެވެ.
މިސްރާއި ގަތަރު ފަދަ އަރަބި ގައުމުތަކުން އެކުލަވާލާ ސުލްހަައިގެ އެއްބަސްވުންތައް ސްމޮތުރިޗް ސިފަކުރައްވަނީ ދަންތުރަތަކެއް ގޮތަށެވެ. އެއިން އެއްބަސްވުމެއް ގަބޫލުކުރައްވައިފި ނަމަ ވެގެންދާނީ އިޒުރޭލަށް ވަރަށް ބޮޑު އިހާނެތި ކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިސްރުގެ ޖާސޫސީ ވެރިން ވަނީ އިޒުރޭލުގެ ޖާސޫސީ ވެރިންނާ ބައްދަލުކުރައްވައި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. މި އެއްބަސްވުން އުފައްދާފައި ވަނީ އިޒުރޭލުގެ ރުހުން އޮވެގެން -- ހަމާސްއަށް ހުޅަހަޅާ ގޮތަށެވެ.
އިޒުރޭލުން ރުހުން ދީފައި އޮތް އެއްބަސްވުމެއް ހަމާސްއަށް ލިބިފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި އެއްބަސްވުން އެކުލަވާލާފައި އޮތީ ފިޔަވަހިތަކަކަށެވެ. ބައެއް މާއްދާތައް ބުނާ ގޮތުން ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށް އޮތް ޝަރުތަކީ އަސީރު މިނިވަންކުރުންނެވެ. އަސީރުން މިނިވަންކުރުމުން ޣައްޒާއަށް ވަދެ ނިކުތުމަށް އާންމު ރައްޔިތުންނަށް ފުރުސަތު ހުޅުވާލާނެ އެވެ.
އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށާއި ބޭސްފަރުވާއަށް ފުރުސަތު ދެވޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
މި އެއްބަސްވުމުގައި ދެން ހުރި މާއްދާތައް އަދި ހާމައެއް ނުކުރެ އެވެ.
ބެންޖަމިން ނަތަންޔާހޫ އިޒުރޭލުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ކޯލިޝަން ހައްދަވަން ޖެހިވަޑައިގެންނެވި އެވެ. އޭނާއަށް އިހުތިޔާރުތަކެއް ނެތުމުން މާލީ ވަޒީރު ބެޒަލްއެލް ސްމޮތުރިޗްއަށް ވަޒީރުކަން ދެއްވަން ޖެހިވަޑައިގެންނެވި އެވެ.
ދެން ހުންނެވީ އިޒުރޭލުގެ ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެންގަވީރު އެވެ. މަސްޖިދުލް އަގްސާއަށް ޔަހޫދީން ވައްދައި ފަލަސްތީން މީހުންނަށް އަނިޔާކުރުމަށް ބެންގަވީރަށް ވުރެ ކުޅަދާނަ މީހަކު ނުހުންނާނެ އެވެ.
އިތަމާރު ބެންގަވީރު މިހާރު އޮންނެވީ އެކްސިޑެންޓެއްގައި މޭކަށިގަނޑެއް ބިނދިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.