އިޒްރޭލުގެ އެތައް ހާސް ބަޔަކު ޣައްޒާ ބޯޑަރު ސަރަހައްދު ދޫކޮށް ހަތަރު ދުވަހުގެ ހިނގާލުމެއްގައި ގުދުސްއަށް ވަދެއްޖެ އެވެ.
މި މީހުންގެ ބޭނުމަކީ ފަލަސްތީންގައި ހަރަކާތްތެރިވާ ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން މިނިވަންކުރަން އިޒުރޭލު ސަރުކާރަށް ޕްރެޝަރު ކުރުމެވެ.
މިދިޔަ އޮކްޓޯބަރު ހަތެއްގައި ހަމާސް ޖަމާއަތުން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިނގައި ދިޔަ ހާދިސާތަކުގައި 130 އަށް ވުރެ ގިނަ ޔަހޫދީން އަސީރު ކުރި ކަމަށް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.
އަސީރުން މިނިވަންކޮށް އިޒުރޭލުގައި ތިބި އެ މީހުންގެ އާއިލާތަކަށް ގެނައުމަށް، އެ އާއިލާތަކުން ދަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރެޝަރު ކުރަމުންނެވެ.
ބައެއް އާއިލާތަކުން ސަރުކާރުގެ މުއައްސަސާތަކަށް ވަދެގަނެ ހަމަނުޖެހުން ހިންގައި ވަޒީރުންނާ ކުރިމަތިލުންތައްވެސް ވަނީ ހިންގާފަ އެވެ.
އަސީރުން މިނިވަންކުރުމުގެ މައްސަލައިގައި އިޒުރޭލު ސަރުކާރަށް ވެސް ވަނީ ގޮތެއް ނިންމަން ދަތިވެފަ އެވެ.
ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ އެކުވެސް ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ޔަހޫދީން މިނިވަންކުރުން އިޒުރޭލަށް ވަނީ ބޮޑު ކަމަކަށް ވެފަ އެވެ.
ހަމާސްއިން އަސީރުންގެ ގޮތުގައި 250 މީހުން -- އިޒުރޭލުގެ އާންމުންނާއި އަދި ބޭރު އެހެން ގައުމުތަކުގެ މީހުން -- ހައްޔަރުކުރި ނަމަވެސް، އަސީރުން މިނިވަންކުރުމުގެ ދެތިން މަރުހަލާގައި ގިނަ ބަޔަކު ވަނީ ދޫކޮށްލާފަ އެވެ. އަދި ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ވެސް ވަނީ މިނިވަންކޮށް ދޫކޮށްލާފަ އެވެ.
އަސީރުން މިނިވަންކުރުމުގެ ވާހަކަތައް އެތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ދިޔަ ނަމަވެސް ކޮޅެއްގައި އަދި އޮތީ ނުޖެހި އެވެ.
އިޒުރޭލުން ބުނާ ގޮތުން ހަމާސްއިން ހުށަހަޅާ ކޮންމެ ކޮންމެ ޝަރުތެއް ގަބޫލެއް ނުކުރެވޭނެ އެވެ. އަދި އިޒުރޭލުން ހުށަހަޅާ ކޮންމެ ކޮންމެ ޝަރުތެއް ގަބޫލުކުރަން ހަމާސްވެސް ބޭނުމެއް ނުވެ އެވެ.
ޣައްޒާ ހަނގުރާމަ މެދުކަނޑާލުމަށް ނުވަތަ ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިކޮށް ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން މިހާރު އޮތީ ހުއްޓާލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޝްވަރާތަކުގެ އާބުރެއް ދާދި އަވަހަށް ފަށާނެ އެވެ. މަޝްވަރާތަކުން ނަތީޖާ ނެރުމަށް އިޒުރޭލު ބޭނުންވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.