ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ހަނގުރާމަވެރިން ރަހީނުކޮށްފައި ތިބި އަސީރުން މިނިވަންކުރުމަކީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މާ ގަޔާވެވަޑައިގަންނަވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އަސީރުން މިނިވަންކުރުމަށް ރަނުގެ ފުރުސަތުތަކެއް -- ނަތަންޔާހޫއާ ހެދި ވަނީ ގެއްލިފަ އެވެ.
އަސީރުން މިނިވަންކުރުމަށްޓަކައި އެމެރިކާއިން ނަސޭހަތްތެރި ވެފައި އޮތް ވަރަށް ނަތަންޔާހޫގެ ސަރުކާރުން މަސައްކަތްކުރޭތޯ ސުވާލުކުރުމުން ބައިޑަން ވިދާޅުވީ އެއްގޮތަކަށް ވެސް -- އަދި ފުދޭ ވަރަށް ވެސް މަސައްކަތް ނުކުރާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައިޑާން އާއި އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް މެދުއިރުމައްޗަށް ދަރުތުކުރެއްވުމަކީ އެކަށިގެންވާ ކަމެކެވެ. އެނޫން ގޮތެއްގައި ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުތަކުގެ މެމްބަރުންނާ -- ރައީސާއި ނައިބު ރައީސް ބައްދަލުކުރައްވާނެ އެވެ.
އަދި އެއަށް ފަހު، ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އާ އެއްބަސްވުމެއް އެމެރިކާއިން އެކުލަވާލާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޣައްޒާ ހަނގުރާމަ ދިގުލައިގެން ދިއުމާ ގުޅިގެން ނަތަންޔާހޫއަށް އިޒުރޭލުގެ ތެރެއިން އަދި ބޭރުން ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.
އަސީރުން މިނިވަންކުރުމަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކޮމަށް ގޮވައި ޒަޔަނިސްޓުން ދަނީ އިޒުރޭލުގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.
އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އާންމުންގެ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ.
މިދިއަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލަށް ވަދެގަނެ ރަޙީނުކުރި ޔަހޫދީންގެ ތެރެއިން ހަތަރު މީހަކު މިދާކަށް ދުވަހު މަރާލުމާ ގުޅިގެން މުޅި އިޒުރޭލުގައި އޮތީ ހުޅުހިފާފަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން އެ މީހުން ފެނިފައި ވަނީ ރަފާހްގައި ބިމުއަޑީ ބިންގަރާހަކުން ނެވެ. އަސީރުން މަރާފައިވާ ކަމަށް އިޒުރޭލުން ބުނަނީ ހަށިތައް ފެނުމުގެ ކުޑައިރުކޮޅެއް ކުރިން ނެވެ.