އިޒުރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހަމާސްގެ ހަނގުރާމަވެރިން ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ހަމާސް ފަލަސްތީންގެ ބިންތަކުން ބޭރުކޮށްލުން ނުވަތަ ވުޖޫދުން ފޮހެލުން އޮތީ އިޒުރޭލުގެ އަތްމަތީގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހެން ވިދާޅުވީ ސީއެންއެން އިން އިންތިޒާމުކޮށްގެން ބޭއްވި ރިޔާސީ ބަހުސްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްދު ދެއްވަމުންނެވެ.
ބައިޑަން ވިދާޅުވި ގޮތުގައި ސަރަހައްދުގައި ހުޅުރޯކުރާ ބައެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަމާސް ދޫކޮށެއް ނުލެވޭނެ އެވެ. އުސާމާ ބިން ލާދިން ނައްތާލި ގޮތަށް ހަމާސްވެސް ނައްތާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ ހަމާސް ނައްތާލަން އިޒުރޭލުން ކޮންމެފަދަ ހަނގުރާމެއް ކުރި ނަމަވެސް އަނެއްކޮޅުގައި -- ބައިވެރިއެއް ގޮތުގައި އެމެރިކާ އޮންނާނެ ކަމަށެވެ.
ޖޯ ބައިޑަން ވިދާޅުވި ގޮތުގައި އެމެރިކާއަށް ބޮޑު މައްސަލައަކަށް ވަނީ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުން އާންމު ރައްޔިތުންނަށް ހަމަލާދިނުމެވެ.
އެމެރިކާއިން ދޭ ހަތިޔާރުތައް ބޭނުންކުރާ ގޮތް އިޒުރޭލުން ކިޔައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އާންމުން ގިނަ ތަންތަނަށް ބޮންއެޅުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދަން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވާފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ހަމާސްއަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަކުރަން އުޅޭ ބަޔަކީ ހަމާސް އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒުރޭލުގެ އާބާދީތަކަށް ހަމާސްގެ ހަނގުރާމަވެރިން ދިން ހަމާތަކަކީ ފަނާކުރަނިވި ހަމަލާތަކެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެފަދަ ދެވަނަ ހަމަލާއެއް ދިނުމުގެ ކުރިން ހަމާސްގެ ޒަމާން ދުއްވާލަން ޖެހޭ ކަމަށް ޓްރަމްޕް ވެސް ގަބޫލުކުރައްވަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އިޒުރޭލުން ވަނީ ސުލްހައަށް ދޮރުތަކެއް ހުޅުވާފަ އެވެ. ސުލްހައަށް އިންކާރުކޮށް -- ކޮންމެ ފަހަރަކު ދޮރުތައް ލައްޕަނީ ހަމާސް ކަމަށްވެސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.