ދުނިޔެ

ޣައްޒާ ގަރާރު ވީޓޯކުރި ދުވަހު އެމެރިކާއަށް 106 މިލިއަން ޑޮލަރު

އދ ގެ ސަލާމަތީ މަޖިލީހުގައި ޑިސެމްބަރު އަށް ވަނަ ދުވަހު ބަހުސްކުރި ޣައްޒާ ގަރާރު ވީޓޯކުރި ހަމައެކަނި ގައުމަކީ އެމެރިކާ އެވެ. ހަމަ އެ ދުވަހު ޒަޔަނިސްޓުންނަށް ހަތިޔާރު ވިއްކައިގެން އެމެރިކާގެ ބައިތުލްމާލަށް 106.5 މިލިއަން ޑޮލަރު ވަނީ އިތުރުކޮށްފަ އެވެ.

ސަލާމަތީ މަޖިލީހުގައި ބަހުސްކުރެވުނު ގަރާރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްނަގައިގެން ހުށަހެޅި ގަރާރެކެވެ.

މި ގަރާރުގައި ގޮވާލާފައި ވަނީ ޣައްޒާއަށް އިންސާނީ އެހިތެރިކަން ފޯރުކޮށްދިނުމަށާއި އަސީރުން ބަދަލުކުރުމަށް، ހަމަލާތައް ޝަރުތަކާ ނުލައި މެދުކަނޑާލުމަށެވެ.

ސަލާމަތީ މަޖިލީހުގައި މި ގަރާރަށް ކުރި ބަހުސްގައި އެމެރިކާގެ ފަރާތުން ވާހަކަދެއްކެވީ އެމްބަސެޑަރުގެ ނައިބު ރޮބާޓް ވޫޑް އެވެ. އޭނާ ވިދާޅުވީ ޣައްޒާ މައްސަލާގައި ސަލާމަތީ މަޖިލީހަށް ކިތަންމެ ވަރަކަށް ގަރާރު ހުށަހެޅި ނަމަވެސް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

ސަލާމަތީ މަޖިލީހުގައި ތިބެނީ 15 މެމްބަރުންނެވެ. ދާއިމީ ފަސް މެމްބަރުންނާއި ވަގުތީ 10 މެމްބަރުންނެވެ. ދާއިމީ މެމްބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ އަދި އިނގިރޭސިވިލާތުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ދެން އެކަމެއް ކުރިއަކަށް ނުގެންދެވެ އެވެ.

މި ގަރާރަށް 13 މެމްބަރު ގައުމަކުން ތާއީދުކުރި އެވެ. ވީޓޯކުރީ އެމެރިކާއިން އެކަންޏެވެ. އިނގިރޭސިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ.

ޣައްޒާ ގަރާރު ވީޓޯކުރުމަށް ފަހު ޒަޔަނިސްޓް ޔަހޫދީންނަށް އެމެރިކާއިން ހަތިޔާރު ވިއްކުމުން، އެމެރިކާގެ ބަހާ އަމަލާ ދިމައެއް ނުވެ އެވެ.

އެމެރިކާ ބުނާ ގޮތުން ޔަހޫދީންގެ އަތުގައި ކިތަންމެ ހަތިޔާރެއް ހުރި ނަމަވެސް، އާންމުންނާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެ އެވެ. ނަމަވެސް، އެމެރިކާގެ މި ބުނުން ދުނިޔެއަކަށް ނުފެނެ އެވެ. ދުނިޔެއަށް ފެންނަނީ ޒަޔަނިސްޓުންގެ ހަމާލަތަކުގައި ޣާއްޒާގެ ކުޑަކުދިންނާއި އަންހެނުން މަރައި ހުސްކުރާތަނެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން -- ރައީސް ޖޯ ބައިޑަން އާއި ފޮރިން މިނިސްޓަރު، އެންތަނީ ބްލިންކެން އަދި ސަލާމަތީ މުޝީރު، ޖޭކް ސުލިވާން ވަނީ ޒަޔަނިސްޓް ވެރިންގެ އަރިހަށް ވަޑައިގެން ހިފެހެއްޓުމެއް ނެތް ތާއީދާއި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޒަޔަނިސްޓުންގެ އަތުން ހަތިޔާރު ހުސްވިޔަނުދީ ސަޕްލައި އެއްވާނެއްގައި ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވެ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ޣައްޒާއަށް އަޅާ ބޮމާއި ރޮކްޓުތަކަކީ އެމެރިކާއިން ސަޕްލައިކޮށްދޭ ހަތިޔާރެވެ. މިއީ އެމެރިކާއަށް މާލި ތަނަވަސްކަން ހޯދުމަށް ކުރާ ވިޔަފާރި އެކެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާ ނުލައި އެއްވާނެއްގައި ދެމެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ވެސް އެމެރިކާ އެވެ.