ރަތް ކަނޑުން ދަތުރުކުރާ މުދާ އުފުލާ ކޮންޓޭނަރު ބޯޓުތަކަށް ހޫސީން ދޭ ހަމަލާތައް ހުއްޓުވަން ގޮސް ތިބި އެމެރިކާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށް އެއްބަސްވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނާ ކުރިމަތިލުމަށް އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އެމްކިޔޫ-ނައިން، ރީޕާ މަރުކާގެ ތިން ޑްރޯނެއް ހޫސީން ވަނީ ހަމަލާދީ ވައްޓާލާފަ އެވެ.
ރީޕާ މަރުކާގެ ޑްރޯނެއްގެ އަގަކީ 30 މިލިއަން އެމެރިކާ ޑޮލަރެވެ.
އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއާ ހަވާލާދީ ސީބީއެސް އޮންލައިން ނޫހުން ބުނާ ގޮތުން، ޑްރޯންތައް ވެއްޓެން މެދުވެރިވި ސަބަބުތައް އެމެރިކާއަށް ކަށަވަރެއް ނުވެ އެވެ. ސަބަބު ދެނެގައުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވެސް ޕެންޓަގަނުން ބުންޏެވެ.
ޕެންޓަގަނުން މިހެން ބުނީ ދެރަ ނުވާންވެގެން އެވެ. އެއީ ހޫސީން ވައްޓާލީ ކަމަށް ބުނުމަކީ އެމެރިކާއަށް ލިބޭ ވަރަށް ދެރަ އަދި ލަދުގަންނަން ޖެހޭ ކަމަށް ވާނެތީ އެވެ.
ހޫސީން ބުނާ ގޮތުން ފާއިތުވި އަހަރު ނޮވެމްބަރުގައި އެ ޖަމާއަތުން ވައްޓާލި ޑްރޯން އާއެކު އަދި މިއަހަރު ފެބްރުއަރީގައި ވެސް އިތުރު ރީޕާ ޑްރޯނެއް ވާނީ ވައްޓާލާފަ އެވެ.
މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑަށް ނުކުންނަ ކޮންޓޭނަރު ބޯޓުތަކުގެ ތެރެއިން ހޫސީން ހަމަލާދެނީ އިޒުރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ. އެއީ ހޫސީން ބުނާ ގޮތުން ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށެވެ.
އެމެރިކާއާ އިނގިރޭސިން ރަތް ކަނޑުގެ ރައްކާތެރިކަން ބަލަހައްޓަން ގޮސް ހޫސީންނަށް -- ޔަމަނަށް ހަމަލާދޭ ފެށުމުން އެ ޖަމާއަތުން ވަނީ އެމެރިކާއާ އިނގިރޭސިންގެ އުޅަނދުތަކަށް ވެސް ހަމަލާދޭން ފަށާފަ އެވެ.
މި ގޮތުން އިނގިރޭސި ތެޔޮ ޓޭންކަރަކަށް ހަމަލާދީ ތަންގަނޑެއް ވަނީ ފޫވައްޓާލަފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުން އިނގިރޭސި ތެޔޮ ޓޭންކަރަށް ހޫސީން ހަމަލާ ދިން ނަމަވެސް، ރައްކާތެރި ކަމާއެކު އެ އުޅަނދު މަންޒިލަށް ފޯރާވަރު ވާނެ އެވެ.
ހޫސީންގެ ތަރުޖަމާން ޔަހުޔާ ސާރީއާ ހަވާލާދީ ސީބީއެސް އިން ބުނާ ގޮތުން އެމެރިކާއާ އިނގިރޭސިން އެ ޖަމާއަތަށް ނިސްބަތްވާ މަރުކަޒުތަކަށް ހަމަލާނުދިން ނަމަ، އެމެރިކާ އަދި އިނގިރޭސި އުޅަނދަކަށް ވެސް އެ މީހުން ހަމަލާއެއް ނުދޭނެ އެވެ.