ދުނިޔެ

އިނގިރޭސި މަނަވަރުތައް އެމެރިކާ ފޫބުޑުން މެދުއިރުމައްޗަށް

އެމެރިކާގެ އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް މިސްރާބު ޖަހައިފި އެވެ.

ބޭނުމަކީ އިޒުރޭލު ހިމާޔަތްކުރުމެވެ. އެމެެރިކާގެ މަނަވަރުތަކާ އެކު އިނގިރޭސިން އަސްކަރީ ބާރުތައްވެސް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގައި -- އިޒުރޭލާއި އީރާންއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފެށިދާނެ ކަމަށް ސިޔާސީ މަސްރަހު އަންދާޒާކުރާ މީހުން ބުނެ އެވެ.

އީރާނާއި އަދި މެދުއިރުމަތީގައި ހަރަކާތްތެރިވާ އިރާންގެ މަދަދުވެރިން -- ހިޒްބުﷲ، ހަމާސް އަދި ހޫސީންގެ ފަރާތުން އިޒުރޭލަށް އަރާފާނެ އެތިފަހަރަކުން ޒަޔަނިސްޓުން ސަލާމަތްކުރުމަށް އެމެރިކާއިން ވަނީ ބާރުގަދަ ހަތިޔާރުތައް އިޒުރޭލަށް ފޮނުވާފަ އެވެ. އަދި އީރާން ވަށާލައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން މަނަވަރުތަކުގައި ފޯރިމެރުމަށް ވަނީ ނިންމާފަ އެވެ.

ފާއިތުވި އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލަށް އަރައިގަތުން ސަބަބަކަށް ހަދައި ޔަހޫދީން ދަނީ ޣައްޒާ ސުންނާފަތި ކުރަމުންނެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 39،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ޣައްޒާ ހަނގުރާމަ އެހެން މިސްރާބަކަށް އެނބުރިގެން މިދިޔައީ އިރާންގެ ޝައުގުވެރިކަމުގެ ތެރެއަށް ޔަހޫދީން ވަދެގަތުމުންނެވެ.

އިޒުރޭލުން ވަނީ ލުބްނާންގައި، އީރާންގެ މަދަދުވެރިކަމާ އެކު ހަރަކާތްތެރިވާ ހިޒްބުﷲގެ ބިނާތަކަށް ހަމަލާދީ އެ ޖަމާއަތުގެ ބައެއް ކޮމާންޑަރުން މަރާފަ އެވެ. އަދި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިޔާ އީރާންގައި ހުއްޓައި އަވަހާރަކޮށްލުމަކީ އީރާނަށް ކުރި ވަރަށް ބޮޑު މަލާމާތެއް ގޮތުގައި އެ ގައުމުން ދެކެ އެވެ.

ހަމާސްގެ ލީޑަރުގެ މަރަށް ބަދަލުހިފުމަށް އިރާން އާއި ވާގިވެރިން ތައްޔާރުވަމުން ދާއިރު، އިޒުރޭލު ހިމާޔަތްކުރުމަށް އެމެެރިކާ އާއި އިނގިރޭސިން އަދި ހުޅަނގުގެ އެހެން ގައުމުތަކުން ވަނީ އެއްބަސް ކިޔާފަ އެވެ.

އެމެރިކާ މިހާރުވެސް އޮތީ އީރާނަށް ހަމަލާއެއް ދޭހިތުން ކަރުހިއްކައިގެންފަ އެވެ. މި ހާލަތުގައި އީރާނުން އިޒުރޭލަށް ހަމަލާއެއް ދީފިނަމަ، އީރާނަށް ރައްދު ހަމަލާދިނުމަށް އެމެރިކާއަށް ސަބަބެއް މެދުވެރިވީ އެވެ. އަދި އީރާން އަނދާ ހުލިވަންދެން ބޮންއެޅުމުގެ މަގު ތަނަވަސްވީ އެވެ.