ދުނިޔެ

މެދުއިރުމަތި ސުލްހަކުރެވޭނެ އޮތީ އެންމެ ގޮތެއް: މޮސްކޯ

މެދުއިރުމަތީ ސުލްހަކުރެވޭނެ އޮތީ އެންމެ ގޮތެއް ކަމަށް ވިދާޅުވެ އެއީ ކޮން ގޮތެއްކަން ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯވް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުނު ދުވަހަކުން ނޫނީ މެދުއިރުމަތި ސުލްހަކުރުމަކީ މުސްތަހީލްކަމެެެއް ކަމަށެވެ.

މެދުއިރުމަތީގައި ކޮންމެވެސް ބަޔަކު ނުތޮޅޭ ދުވަހެއް ތާރީޚުން ފެންނަން ނެތް ކަމަށް ބުނުން މިހާރު ގޯހަކަށް ނުވާނެ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހުރިހާ އަރާރުމެއް އަދި ކޯޅުމެއް ނުވަތަ ގަތުލުއާންމެއް ހުއްޓުވޭނީ ފަލަސްތީން މިނިވަންކޮށްގެން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމަ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުވާނެ އެވެ. އެއަށް ވުރެ ބޮޑަށް ހަނގުރާމަ އަމާޒުހިފާފައި ހުރީ ތަންތަން ސުންނާފަތިކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތިން އަދިވެސް ސުލްހަ ފެންނަން ނެތް ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ މަންޒަރު ބަދަލުވަމުން ދަނީ ނަގޫރޯޅިއަކަށް ކަމަށެވެ. ހަނގުރާމައިގެ ތެރެއަށް ގިނަ ގައުމުތަކެއް ދަމައިގަތުން އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ލަފްރޯފް ސިފަކުރެއްވި އެވެ.

ފަހަރަކު ގައުމެއް ނަގުރޯޅީގެ ތެރެއަށް ދަމަމުން އޮޅަމުން ދަނީ ކަމަށް ވަޒީރު ވިދާޅުވި އެވެ. ޣާއްޒާއަށް ފަހު ލުބްނާން، ސީރިއާ، ޔަމަން އަދި އީރާން ވެސް މިހާރު އޮތީ ނަގޫރޯޅީގައި އޮޅިގަންނަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒުރޭލު އެއްކޮޅުން ހަމަލާދޭއިރު ދެން ތިބި ހުރިހާ ގައުމެއްގެ މަގުސަދަކީ ފަލަސްތީން މިނިވަންކުރުން ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

މެދުއިރުމަތި ސުލްހަކުރެވޭނީ ފަލަސްތީން މިނިވަންކުރެވުނު ދުވަހަކުން ކަމަށް ވިދާޅުވީ މި ސަބަބާ ހެދި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލަށް ވެސް އަމާންކަން އޮތީ ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުކޮށްދީގެން ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި ތާރީޚު އިއާދަވާން ޖެހޭނީ ދޫކޮށްލަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ތަނުން ފެންނަން އޮތް އެއްވެސް ދިމާއަކުން އިޒުރޭލަށް ކާމިޔާބީއާ ހަމައަށް ދެވިފައި ނުވާ ކަމަށްވެސް ސަރުގޭ ލަވްރޯވް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މެދުއިރުމަތީގެ އަރާރުންތަކަކީ ކޮންމެވެސް ބަޔަކަށް ފޫހިކަމެއް ނެތް ކަމެއް ކަމަށެވެ.