ދުނިޔެ

އދ. ގޮވާލެވެނީ ހަމަލަ ހުއްޓާލަން އެކަނި!

މުޅި ޣައްޒާ އެ އޮތީ ބަންދު ކޮށްފަ އެވެ. އިޒްރޭލުން ހާވާ ބަލައި ހުއްދަ ދިނުމުން ނޫން ގޮތަކަށް ދަތްކޮއްޓާ އިލޮއްޓެއް ވެސް ޣައްޒާއަށް އެތެރެ ނުކުރެވެ އެވެ. މި ހާލަތުގައި އޮތް ތަނަކަށް ވަޔާއި އެއްގަމުން ހަމަލާދީ މުޅިތަން ސުންނާފިތި ކުރަމުން ދާއިރު އދ. އޮތީ އާސޯހްވެފަ އެވެ. ފަލަސްތީންގެ އަވަށްތަކަށް އަދި ހާއްސަކޮށް ޣައްޒާއަށް ދީފައި ހުރި ގެންލުންތަކުގެ ސަބަބަކުން ނޫނެވެ. އިޒްރޭލުން ބޭނުންކުރާ ބަރުހަތިޔާރުތަކުގެ މޮޅު ކަަމުންނެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުގައި ފަލަސްތީންގެ އާއިލާތައް ނެތެމުންދާއިރު އަދި ހޭނުޖެހޭ މައުސޫމް ކުޑަކުދިން ކުރިމަތީގައި މައިންނާއި ބަފައިން މަރައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ދޭ ރަައްދެއް ގޮތުގައި ދެ ލަފުޒުން އެއްޗެއް ގޮވާލުން ފިޔައި އދ. އަށް އިތުރު އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެ އެވެ. އެއީ "ހަމަލާތައް ހުއްޓާލާށޭ" ގޮވައިލުމެވެ.

އދ. އިން ކިތަންމެ ވަރަކަށް ބުންޏަސް އިޒްރޭލުން ހަމަމާތައް ހުއްޓައެއް ނުލާނެވެ. އދ. އަށް އެކަން މިހާރު އެނގެން ވެއްޖެ އެވެ. ފަލަސްތީންގެ ނިކަމެތިންނަށް އިޒްރޭލުން ހަމަލާދެނީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫޕަރަޕްގެ އިއްތިހާދުން ވެސް އެކަމަށް އެދޭތީ އެވެ. އިޒްރޭލް ބޮޑާހާކަން ދޫކޮށްލާތީ އެވެ. އެނޫން ގޮތެއް އެމީހުންނަކަށް ވެސް ނެތެވެ. މެދުއިރުމަތީގައި އިޒްރޭލް މުޑުވައްކުރީ މިބައިނގަޑު ގުޅިގެންނެވެ.

ފަލަސްތީން މިނިވަން ދައުލަތެއް ގޮތުގައި ދެމި އޮތުމަށް ފުރުސަތު ދިނުމަށް ފަހު މިނިވަން ދައުލަތެއް ގޮތުގައި އިޒްރޭލް ވެސް އޮންނަންވީ އެވެ. މިއީ އެކަމަކު އިޒްރޭލަށް ކެތްވާވަރުގެ ކަމަކަށް ނުވާނެ އެވެ. އިޒްރޭލުން ދެކޭ ގޮތުގައި ދުނިޔޭގައި ތިބިހާ ޔަހޫދީންނަށް ގެދޮރު އަޅައިދީ ވަޒަންވެރި ކުރަން އޮތް ބިމަކީ ފަލަސްތީނެވެ. ފަލަސްތީންގައި ކޮންމެ ފަހަރަކު ވެސް ހަމަނުޖެހުން އުފެދެނީ އިޒްރޭލުން ގެންގުޅޭ މިސިޔާސަތުގެ ސަބަބުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގެންފާނެ ކަމަށް އޮތް ބިރަކީ ވެސް ފަލަސްތީނަށް އޮތް އަނިޔާވެރި ކަމެކެވެ. ބޮޑުވަޒީރުކަން ގެއްލިވަޑައިގެންފި ނަމަ ކޮރަޕްޝަނާއި މާގާމުގެ ހައިސިއްޔަތު ނާޖައިޒު ގޮތުގައި ބޭނުން ހިއްޕެވި ކަމަށް ކޯޓުން ނިންމައި އައްސިފިލާވަރުގެ ހުކުމެއް ނަތަންޔާހޫއަށް އިއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބޮޑުވަޒީރު ނަތަންޔާހޫއަށް އިޒްރޭލުގައި މަގުބޫލުކަން ގެއްލިވަޑައިގަންނަވާ ކޮންމެ ފަހަރަކު ފަލަސްތީން އަވަށްތަކުން ގޯތި ދޫކުރައްވަ އެވެ.

ފަލަސްތީން މަޝްރަހުގައި މިފަހަރު ހުޅު ރޯވެގެން އުޅެނީ ޝެއިހް ޖައްރާހް އަވަށުގައި ޔަހޫދީން ގެދޮރުވެރި ކުރުވުމުގެ ކުރިން އެއަވަށުގައި ތިބި ފަލަސްތީން ހައެއްކަ އާއިލާ ބޭރު ނުކުރެވިގެންނެވެ. ދެން ހިނގައިދިއަ ކަމަކީ މަސްޖިދުލް އަގްސޯއަށް އިޒްރޭލުގެ ލަދެއް ނެތް ފުލުން ވަދެ ތަރާވީސް ނަމާދަށް ހަދާފައި ހުރި ސަފުތައް ބުރުވާލުމެވެ.