ދުނިޔެ

ފައިސާ ނުލިބި ފަލަސްތީނު މީހުންނަށް ކާބޯތަކެތީގެ އެހީ ދިނުން ދަތިވެއްޖެ

Jan 14, 2019

ޣައްޒާ (ޖެނުއަރީ 13) - ފައިސާ ނުލިބިގެން، ޣައްޒާ އާއި ވެސްޓް ބޭންކުގައި ދިރިއުޅޭ އެތަކެއް ހާސް ފަލަސްތީނު މީހުންނަށް ކާބޯތަކެތީގެ އެހީ ހުއްޓާލަން ޖެހިފައިވާކަމަށް ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނެފި އެވެ.

އދ.ގެ އެހީދޭ ޖަމާއަތުން ބުނިގޮތުގައި، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެހީ ދިނުން ހުއްޓަމަކަށް އައުމާއެކު ގާތްގަނޑަކަށް 27،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން، ޣައްޒާގައި ދިރިއުޅޭ 110،000 މީހުންނާއެކު ގާތްގަނޑަކަށް 165،000 ފަލަސްތީނު މީހުންނަށް މިހާރު ލިބޭނީ ކުރިން ލިބުނު އެހީގެ 80 ޕަސަންޓުކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

މިފަދަ ހާލަތަކަށް އައިސްފައިވަނީ، އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ އެކި ގައުމުތަކުން އެ ޖަމިއްޔާއަށް ދޭ ފައިސާގެ އެހީތައް މަދުވުމުން ކަމަށް ޑަބްލިޔުއެފްޕީ އިން އިތުރަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޑަބްލިޔުއެފްޕީ އިން ވަނީ ޣައްޒާގައި 250،000 މީހުންނަށާއި ވެސްޓް ބޭންކުގައި ދިރިއުޅޭ 110،000 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޑިސެމްބަރު 19 ގައި ޑަބްލިޔުއެފްޕީ އިން ވަނީ ފައިސާގެ އެހީއަށް އެދިފަ އެވެ. ސްވިޓްޒަލަންޑާއި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން އެ އެދުމަށް އިޖާބަދިން ނަމަވެސް، ބޭނުންވާ 57 މިލިއަން ޑޮލަރާއި ގާތަށްވެސް ލިބިފައިނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ޣައްޒާގައި ދިރިއުޅޭ ދެ މިލިއަން މީހުންގެ ތެރެއިން، 80 ޕަސަންޓް މީހުން ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމަށް ބަރޯސާވާން މަޖުބޫރުވެފަ އެވެ.

އިޒްރޭލަށް ވާގިދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެމެރިކާއިން ފަލަސްތީނު މީހުންނަށް އެހީގެ ތެރެއިން 500 މިލިއަން ޑޮލަރު ވަނީ ކަނޑާލައިފަ އެވެ.