ވޮޝިންގްޓަނަކީ ސުލްހައަށް ލޯބިކުރާ ދައުލަތެއް ކަމަށް ބުނާއިރު ޣައްޒާ ހަނގުރާމައާ ޖެހުމުން އެ ތަން ފެންނަން ނޯންނަ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޒަޔަނިސްޓް ޔަހޫދީ އަސްކަރީ ބާރުތަކުން ފަލަސްތީންގެ ޣައްޒާއަަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމަށް ބަހުސްކުރާ ކޮންމެ ގަރާރެއް ބްލޮކްކޮށް ފޭލިކުރާ ގައުމަކީ ހަމައެކަނި އެމެރިކާ ކަމަށްވެސް ޗައިނާ ބުނެ އެވެ.
ޗައިނާ އިން ބުނީ ޣައްޒާއާ މެދު މިހެން ކަންތައް ހިނގައިދަނީ އެމެރިކާގެ ސަބަބުން ކަމަށާއި އެމެރިކާ އަކީ ޣައްޒާ ގަރާރުތަކަށް ހުރަސްއަޅާ ހަމައެކަނި ގައުމަށް ނުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާންގް ވެންބިން ވިދާޅުވީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ގޮތުން އެއްބަސްވެވޭ އެއްބަސްވުންތައް ބާތިލުކުރާ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ވުމަކީ ދުނިޔެއަށް ވެސް ބޮޑު ލަދެއް ކަމަށެވެ.
ދުނިޔެ އެއްބޭނުމެއްގައި އެއްތަންވެ އެކުލަވާލާ އެއްބަސްވުންތައް ބާތިލުކުރާ ވަރަށް ވުރެ ތަސައްރަފް ފުދިފައި އޮތް ގައުމަކަށް އެމެރިކާ ވާން ޖެހޭ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެދުއިރުމައްޗާ މެދު ޗައިނާގެ ވިސްނުމަކީ އަމާން ވެއްޓަކަށް އެތަން ވުން ކަމަށެވެ. އެހެންކަމުން މެދުއިރުމައްޗަށް ޗައިނާގެ ދަހިވެތިކަމެއް ނެތް ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ މެދުއިރުމަތި ބައިބައިކުރުމަކީ ޗައިނާގެ ވިސްނުމެއް ނޫން ކަމަށާއި އެކުވެރި ދައުލަތްތަކެއް ގޮތުގައި މެދުއިރުމަތި އޮތުމަކީ ޗައިނާއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ.
މެދުއިރުމަތި އޮންނަން ވާނީ އެ ސަރަހައްދަށް ނިސްބަތްވާ މީހުންގެ ކޮންޓްރޯލްގައި ކަމަށް ޗައިނާ ދެކޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. މެދުއިރުމައްޗާ މެދު ޗައިނާ އިން ވަކި ގޮތެއް އަދި އެމެރިކާއިން ވަކި ގޮތެއް ކަނޑައަޅައި ތަންފީޒުކުރުމަކީ އިސްތިއުމާރީ ސިފައެއް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހުރިހާ ހައްގެއްގެ ދިފާއުގައި ޗައިނާ ވަކާލާތުކުރާނެ ކަމަށެވެ.
އަރަބި، އިސްލާމީ ގައުމުތަކާ އެކު ގާތް ގުޅުމެއް ދެމެހެއްޓުމަކީ ޗައިނާގެ ވިސްނުމެއް ކަމަށާއި ގުޅުން ބަދަހިނުކޮށް އިގުތިސާދީ ގޮތުން ވެސް ކުރި ނާރާނެ ކަމަށް ވާންގް ބެންބިން ވިދާޅުވި އެވެ.
ޣައްޒާއަށް މިހާރު އަމާޒުވަމުންދާ ހަމަލާތައް ހުއްޓާލުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށް ޗައިނާ ދެކޭ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.