ޒަޔަނިސްޓް ޔަހޫދީން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކޮޅެއްގައި ޖެއްސުމަށް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރި ގަރާރުގައި އެމެރިކާއަށް ކަމުނުދާ ވާހަކަތަކެއް ހުރުމުން އެބައި އުނިކުރަން ޖެހިއްޖެ އެވެ.
ޣައްޒާ ގަރާރުގައި ނަމުގައި އދ އިން ކޮންމެވެސް ވާހަކަތަކެއް ފާސްކުރަން ޖެހޭތީ -- އެމެރިކާ ބޭނުންވި ބަދަލުތަކާ އެކު ފާސްކުރި ގަރާރުގައި -- ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލަން ގޮވާލާފައެއް ނުވެ އެވެ.
ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި އޮތީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަވަސް މަގުތަކެއް ކޮށުމަށް ގޮވާލާފަ އެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ބެލެހެއްޓުމުގެ ދަށުން ޚާއްސަ މަންދޫބެއް ކަނޑައަޅައި ޣައްޒާއަށް އެހީ -- ކާބޯތަކެއްޗާއި، ބޭސްފަރުވާ އަދި ފެޓުރޯލާއި ހަކަތަ ވެއްދުމަށް މަގު ތަނަސްކުރުން އަވަސްކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ޣައްޒާއަށް މި ވަގުތު އެންމެ މުހިންމީ ހަމަލާތައް ހުއްޓާލުމެވެ. އަދި އެ ޔަގީންކަން -- ޒަޔަނިސްޓުން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން އޮތުމެވެ.
ނަމަވެސް، ހަމަލާތައް ހުއްޓާލަން އެމެރިކާ ބޭނުން ނުވާތީ އެ މާއްދާ އުނިކުރަން ޖެހުނީ އެވެ.
ސަލާމަތީ މަޖިލީހުގައި ގަރާރަށް ވޯޓަށް އެހިއިރު އެމެރިކާއާ ރަޝިއާ ހާޒިރެއް ނުވެ އެވެ. އެހެންކަމުން ގަރާރު ފާސްކުރީ ދެން ތިބި 13 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޣައްޒާއަށް އިންސާނީ އެހިތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދ ގެ އުޅަނދަކަށް އަދި އދ ގެ ދިދައިގެ ދަށުން ދަތުރުކުރާ އެއްވެސް އުޅަނދަކަށް ހަމަލާދީގެން ނުވާނެ ކަމަށް ވެސް ގަރާރުގައި ބުނެ އެވެ.
ގަރާރުގައި އޮތް އަނެއް މާއްދާ އަކީ ޝަރުތެއް ނެތި އަސީރުން ދޫކުރުމެވެ.
އަސީރުން ދޫކުރުމާ މެދު ހަމާސް ޖަމާއަތުން ބުނަނީ ހަނގުރާމަ ހުއްޓާލަން ގޮވާލާފައި ނުވާތީ ގަރާރުގައި ދެން ހުރި މާއްދާތައް ސައްހަ ނުވާނެ ކަމަށެވެ. މިހެންކަމުން ގަރާރަށް އަމަލުކުރުމަކީ ހަމާސްއަށް ލާޒިމުކަމެއް ނޫން ކަމަށެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ އެމެރިކާ ފިޔަވައި ދެން ތިބި ހުރިހާ މެމްބަރުންގެ ގޮވާލުމަކީ ޣައްޒާ ހަމަލާތައް ހުއްޓާލުމެވެ. ހަމަލާތައް ހުއްޓާލައިގެން ނޫން ގޮތަކަށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ރަނގަޅަށް ފޯރުނުކޮށްދެވޭނެ ކަމަށް، އެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ވެސް ބުނެ އެވެ.
ނަމަވެސް، ޒަޔަނިސްޓުން އެއްގަމު މަގުން ޣައްޒާއަށް އަރައި ތިބި ހާޖަތް ފުދެންދެން ހަމަލާތައް ހުއްޓާލުމަކީ ޔަހޫދީން ބޭނުންވާ ގޮތެއް ނޫނެވެ.
ޒަޔަނިސްޓު ޔަހޫދީން ބޭނުންނުވާ ކަމެއް ކުރުވުމަކީ އެމެރިކާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.