އިޒުރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އުފައްދާފައި އެ އޮތީ އދގެ ގަރާރަކުންކަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނދާން ބަހައްޓަން ޖެހޭނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިވާޅުވެއްޖެ އެވެ.
މެކްރޮން މިހެން ވިދާޅުވި ސަބަބަކީ ލުބްނާންގައި ހަރަކާތްތެރިވާ އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އިޒުރޭލު ސިފައިން ހަމަލާދިނުމާ ގުޅިގެންނެވެ. އަދި ސުލްހަ ބަލަހައްޓާ ފައުޖުތައް މަރުކަޒުކޮށް ތިބި ސަރައްހައްދަށް އަސްކަރީ ޓޭންކްތަކާ އެކު ވަދެގަނެ މުޅި ތަން ވަނީ ގަޑުބަޑުކޮށްފަ އެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި އޮތް ދޮރުބަންުދު ބައްދަލުވުމެއްގައި ވާހަކަދަައްކަވަމުން މެކްރޮން ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލުން ނަން ހާމަނުކުރާ ގޮތަށް ނޫސްތަކަށް މައުލޫމާތު ދިން ގޮތުން މެކްރޮން ހުންނެވީ ކޯފާއިސްކުރައްވައި ނުތަނަވަސްވެ ވަޑައިގެންފަ އެވެ.
އދ އިން ނޮވެމްބަރު 1947 ގައި ފާސްކުރި ގަރާރެއްގައި އޮތީ ފަލަސްތީން ބިން ބައިކޮށް ޔަހޫދީންނަށް ދައުލަތެއް ހެދުމަށް އިގުރާރުވެފަ އެވެ.
މި އިގުރާރުގެ ދަށުން ފަލަސްތީންގެ ބިމުން ޒަޔަނިސްޓުންނަށް ބައެއް އަދި އަރަބިންނަށް ބައެއް ވާގޮތަށް -- އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެން، ބައިކުރަން ހަމަޖެއްސީ އެވެ.
މެކްރޮންއަށް ރައްދުދެއްވައި ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ފްރާންސް ރައީސް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
އިޒުރޭލަކީ އދގެ ގަރާރަކުން އުފެއްދި ދައުލަތެއް ނޫން ކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި އޮތެވެ. އދއިން އިޒުރޭލަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށްވެސް އޮތީ ބުނެފަ އެވެ.
އިޒުރޭލު އުފެއްދީ އަރަބިންނާ ހަނގުރާމަކޮށްގެން ކަމަށް ނަތަންޔާހޫގެ އޮފީހުން ބުންޏެވެ. އިޒުރޭލު މިހާރު ފުޅާކުރަމުން ދަނީވެސް އަރަބިންނާ ހަނގުރާމަކޮށްގެން ކަމަށްވެސް ބުންޏެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި އަރަބިންގެ ބިންތައް ފޭރުމުގައި އިޒުރޭލު ދެމިއޮންނާނެ އެވެ.
އިޒުރޭލާ ދެކޮޅަށް އދއިން އެތައް ގަރާރެއް މިހާރުވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ޒަޔަނިސްޓުންނަށް ވަކި ދައުލަތެއް އޮތުމަކީ އދ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.