ދުނިޔެ

އދ އިން ތަޅަނީ ހުސް އަނގަ، އެއްވެސް ކަމެއް ނުކުރެވޭ: ފަރަންސޭސި ސަފީރު

އދގެ ސަލާމަތީ މަޖިލީހުން ތަޅަނީ ހުސް އަނގަ ކަމަށް ފަރަންސޭސިވިލާތުގެ ސަފީރު ނިކޮލަސް ޑީ ރިވިއާ ވިދާޅުވެއްޖެ އެވެ.

އދ އިން ފަލަސްތީން މައްސަލައަށް ހައްލެއް ހޯދާނީ ކޮން ދުވަހަކުންތޯ އޭނާ ސުވާލުކުރެއްވި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަން ގިނަ ވާހަކަތަކެއް އަދި މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށް ސަފީރު ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެން އޮތީ އަމަލީ ގޮތުން ހަރަކާތްތެރިވުމެވެ.

ސަލާމަތީ މަޖިލީހުގައި އޮތް އެމެޖެންސީ ބައްދަލުވުމަކަށްފަހު ނިއުޔޯކްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަރަންސޭސި ސަފީރު ވިދާޅުވީ ހުސް އަނގަތެޅުމުގައި އދއަށް ދެން ނޯވެވޭނެ ކަމަށެވެ.

ސަފީރު ވިދާޅުވީ ހަމަލާތައް މެދުކަނޑާލަށް އދއިން ގޮވާތާ ކިތަންމެ ދުވަހެއްވެއްޖެ ކަމަށެވެ. އިޒްރޭލު ސިފައިން ރަފާހްއަށް އެރީ އެކަން ކޮށްފިނަމަ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބުނެ އދ އިން އެތައް އިންޒާރެއް ދީފައި ވަނިކޮށް ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދއަށް އިހުތިރާމުކުރުމުގެ ގޮތުން އިޒުރޭލަށް ކޮންމެވެސް ކަމެއް ކުރެވެން ޖެހޭނެ ކަމަށެވެ. އދ ދޫދީގެން އޮންނަހާ ހިނދަކު އިޒުރޭލު އެ ކުޅޭ ކުޅިއެއް ކުޅޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފަރަންސޭސި ސަފީރު ވިދާޅުވި ގޮތުގައި އިންޓަނޭނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައި އޮތް އަމުރަށް އިޒުރޭލުން ތަބާވާން ޖެހޭނެ އެވެ. އިޒުރޭލަށް ފެންނަހާ ގޮތެއް ހަދަން ހަދައިގެން ޣައްޒާގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ވަނީ ގޯސް ކަަމަށްވެސް ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހަށް ކަމެއް ކުރެވުނު ކަމަށް ވާނީ އެ މަޖިލީހަށް ލާޒިމުކޮށްފައި ހުރި ގަވާއިދުތައް ތަންފީޒުކޮށްގެން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަރަންސޭސިވިލާތް އޮތީ ފަލަސްތީންގެ ދައުލަތެއް ބަލައިގަންނަ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ގައުމުތަކުން ފަލަސްތީން ބަލައިގަންނަން ތައްޔާރު ނަމަވެސް ބޮޑުބައި ކުޅެން ޖެހޭނީ އދ އިން ކަމަށެވެ.