ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން އަނެއްކާވެސް އިޒުރޭލަށް އިންޒާރު ދެއްވައިފި އެވެ.
އިޒުރޭލަށް ހަތިޔާރު ދިނުމާ ދެކޮޅަށް މެކްރޮން ކުރިން ދެއްކެވި ވާހަތަކަށް އިޒުރޭލުން ނުރުހުން ފާޅުކޮށްފައި ވަނިކޮށް -- އިޒުރޭލަށް ހަތިޔާރުދިނުން ހުއްޓާލަން ޖެހޭ ސަބަބު މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
މެކްރޮން ވިދާޅުވި ގޮތުން އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދެނީ އަމިއްލަ ދިފާއަށްޓަކަ އެވެ. ބައިނަލްއަގްވާމީ މުއައްސަސާތަކާއި އެތަނަށް ލާފައި ތިބި މުވައްޒަރުން މެރުމަކަށް ނޫނެވެ. އަދި ކުޑަކުދިންނާއި އަންހެނުން މެރުމަކަށްވެސް ނޫނެވެ.
އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އޮތް ނިޔަތާ ހިލާފުވާނަމަ -- މެކްރޮން ވިދާޅުވީ އެދެވިގެން ވަނީ އެއްވެސް ބަޔަކު އިޒުރޭލަށް ހަތިޔާރު ނުދިނުން ކަމަށެވެ.
ފަރަންސޭސި ރައީސް މި މޭރުމުން ބަސްވިދާޅުވީ އިޒުރޭލުން މިހާރު ލުބްނާނަށް ދެމުންދާ ހަމަލާތަކަގައި އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ހަމަލާދިނުމުންނެވެ. އަދި ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އެހީތެރިވާ އިދާރާތަކަށް ހަމަލާދިނުމެވެ.
އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށް އިޒުރޭލުން މިދާކަށް ދުވަހު ދިން ހަމަލާގައި، އެ ފައުޖުގައި ހިމެނޭ ސްރީލަންކާގެ ދެ އޮފިސަރަކު ވަނީ ޒަޚަމްވެފަ އެވެ.
ސުލްހަ ބަލަހައްޓާ ފައުޖުތައް މިހާރު ތިބި ތަނުން ފައިބައިގެން ދުރަށް ދިއުމަށްވެސް އިޒުރޭލުން ވަނީ މުހުލަތެއް ދީފަ އެވެ.
މެކްރޮން މިދާޅުވި އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ކުރިން ވިދާޅުވި ވިދާޅުވުން އަދިވެސް ދަމަހައްޓާނެ ކަމަށެވެ. އިޒުރޭލަށް އޮތީ ހަނގުރާމަކުރާ ބަޔަކާ ހަނގުރާމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މެކްރޮންގެ މި ވިދާޅުވުމަށް އިޒުރޭލުން ބުނީ ޔަހޫދީ ސިފައިން ހަމަލާދިނީ އެ މީހުންނަށް ކުރިމަތިވި ކުއްލި ނުރައްކަލަކުން ސަލާމަތްވުމަށް ކަމަށެވެ. ނަމަވެސް މެކްރޮން ވިދާޅުވީ އިޒުރޭލުން ހަމަލާދިނީ ގަސްދުގައި ކަމަށް ސުލްހަ ބަލަހައްޓާ އޮފިސަރުން ވިދާޅުވާ ކަމަށެވެ.
ސައިޕްރަސްގައި ހުކުރު ދުވަހު އޮތް ސަމިޓެއްގައި ޔޫރަޕްގެ ވެރިންގެ ހާޒިރުގައި މެކްރޮން ވަނީ އިޒުރޭލަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އދގެ ފައުޖުތަކަށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
އިޒުރޭލާއި ލުބްނާން ބޯޑަރުގައި ތިބި އދގެ ސުލްހަ ބަލަހައްޓާ ފައުޖުތައް އެ މަގާމު ދޫކޮށް އެއްވެސް ތާކަށް ނުދާނެ ކަމަށް އދގެ ތަރުޖަމާން ވިދާޅުވި އެވެ. ސުލްހަ ބަހަލައްޓާ ފައުޖުތަކަށް ޝަރުތުކޮށްފައި ހުރި މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށް މެކްރޮން ވެސް ގޮވާލެއްވި އެވެ.
އދގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އިޒުރޭލުން ހަމަލާދިނުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ހުންނަވާ އިޒުރޭލުގެ ސަފީރު، ފަރަންސޭސި ހާރިޖީ ވުޒާރާއަށް ހާޒިރުކުރައްވައި ވަނީ ސުވާލުކުރައްވާފަ އެވެ.