ދުނިޔެ

ރަފާހްއިން ގަދަބާރުން މީހުން ބޭލުމަކީ ހަނގުރާމައިގެ ކުށެއް: މެކްރޮން

ޣައްޒާގެ ދެކުނު ސިޓީއެއް ކަމަށްވާ ރަފާހްއިން ގަދަބާރުން މީހުން ބޭލުމަކީ ކުށެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވައިފި އެވެ.

މެކްރޮން މި މޭރުމުން ނަތަންޔާހޫއަށް ބަސް ވިދާޅުވީ ދެ ލީޑަރުންގެ ދެމެދުގައި ފޯނުން ކުރެއްވި މަޝްވަރާތަކެއްގަ އެވެ.

މެކްރޮން ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާ ރަފާހްއަށް ވަދެގަތުމަކީ ހަނގުރާމައިގެ ކުށަކަށް ވާނެ ކަމަށެވެ. ހަމާސް ނައްތާލަން ކަމަށް ބުނެ އަދި ހަމާސްގެ ބާރުތަކާ ހަނގުރާމަކުރުމަށް ކަމަށް ބުނެ ބައިބޯ ރަފާހްއަށް އިޒުރޭލުގެ އަސްކަރިއްޔާ ވަދެގަތުން ގަބޫލުނުކުރައްވާ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

ރަފާހް މިހާރު ވެފައި ވަނީ ބައިބޯ ސިޓީއަކަށެވެ. އިޒުރޭލުން ޣައްޒާއަށް ބޮންއަޅައި ދިން ހަމަލާތަކުން ރައްކާތެރިވުމަށް އެތައް ހާސް ބަޔަކު މިހާރު ތިބީ ރަފާހްއަށް ވަދެ ކޮންމެވެސް ކަހަލަ ބޯހިޔާވަހިކަމެއް ހޯދައިގެންނެވެ.

އިޒުރޭލުން ގޮށްމުށުގެ ބާރުން ފަލަސްތީންގެ ބިންތައް ފޭރިގަތުން ގަބޫލުނުކުރައްވާ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވި ސަބަބަކީ، ހުޅަނގު އައްސޭރިން 800 ހެކްޓަރުގެ ބިމެއް އިޒުރޭލުން ޖަހައިގަތުމާ ގުޅިގެންނެވެ.

މެކްރޮން ވިދާޅުވީ ޣައްޒާ ހަމަލާތައް ހުއްޓާލަން ގޮވާލާއި އދ އަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޣައްޒާއަށް އެހީވެއްދުމަށް މަގުތަށް ހުޅުވާލުމަށްވެސް ނަތަންޔާހޫއަށް ދެންނެވި އެވެ.

އިޒުރޭލުން ރަފާހްއަށް ވަދެގަތުމަކީ ދުނިޔެއަށް ވަރަށް ބޮޑުވެފައި އޮތް މައްސަލަ އެކެވެ. ހަތިޔާރާ އެކު އިޒްރޭލު ސިފައިން ރަފާހްއަށް ވަދެގެންފިނަމަ، އެ ސިޓީގެ ހާލު ވަރަށް ދަށްވާނެ ކަމަށް މުޅި ދުނިޔެ ވަނީ އިންޒާރު ދީފަ އެވެ.

ރަފާހްއަށް ނުވަނުމަށް އދ އިންވެސް އިޒުރޭލަށް އޮތީ އަންގައި ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް ބޯހަރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަރުއަޑުން ވިދާޅުވަނީ ޔަހޫދީން ހުއްޓުވޭނެ ބަޔަކު ދުނިޔޭގައި ނެތް ކަމަށެވެ.

އިޒުރޭލުން ކަމަކަށް ފައިނަގައިފިނަމަ ހުއްޓާލާނީ އެކަމެއް ހާސިލުކޮށްފައި ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހުގެ ބޯހަރުކަމަށް މުޅި ދުނިޔެ ހައިރާންވެ ޝޮކްޖެހިފައި އޮތް ނަމަވެސް ޔަހޫދީން ހިމާޔަތްކުރުމުގައި އެމެރިކާއާއި އިނގިރޭސިވިލާތް އޮތްހައި ހިނދަކު، ބޮޑާވެރިކަމާ އެކު އަރަބިންގެ ބިންތައް ފޭރުމުގައި އިޒުރޭލު ދެމިއޮންނާނެ އެވެ.