އިޒުރޭލުން ގުދުސްގެ އެއްވެސް ބައެއް ދުވަހަކުވެސް ދޫކޮށްނުލައްވާނެ ކަމަށް ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ގާނޫންހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ގުދުސް ބައިބައިކުރުމަކީ ވެސް އޮންނާނެ ފުރުސަތެއް ނޫން ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން، ގުދުސް އަކީ ހުރިހާ ގޮތަކުން ވެސް އިޒުރޭލާ ގުޅިފައި އޮތް -- ޒަޔަނިސްޓުންގެ ކާބަފައިންގެ ބިމެކެވެ. އެ ބިމަށް އިހުތިރާމްނުކޮށް ދޫކޮށްލައިފި ނަމަ، ނުފެންނަ ބާރުތަކުން ދިރިތިބީންނަށް އަދަބުދޭނެ ކަމަށް އޭނާ ވިދާލުވި އެވެ.
އިޒުރޭލުގެ އަތްދަށުގައި ގުދުސް ދެމެހެއްޓުމަކީ ދީނީ ގޮތުން އެ މީހުންނަށް ލާޒިމުކަމެއް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އަންނަން އޮތް ޖީލުތަކަށް ވާރުތަ މުދަލެއް ގޮތުގައި ގުދުސްގެ ފަސްގަނޑު ދެމެހެއްޓުމަށް ޔަހޫދީންނަށް ލިބިފައި ހުރި ހުރިހާ ބާރެއް ބޭނުންކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ މައްސަލަ ކަމަށް ދުނިޔެ ބުނާ އިޒުރޭލު - ފަލަސްތީން މައްސަލައިގެ ބޮޑު މަންޒަރަކީ ވެސް ގުދުސް އެވެ. ގުދުސް އަކީ ޒަޔަނިސްޓް ޔަހޫދީންނަށް ޒައްރެއްގެ މިންވަރު އޮތް ތަނެއް ނޫން ކަމަށް އަހަރެމެން މުސްލިމުން ގަބޫލުކުރަމެެވެ.
ޔަހޫދީން އިރުމަތީ ގުދުސް އިސްތިއުމާރުކުރީ 1967 ގައި ހިނގާދިޔަ ހަނގުރާމައިގަ އެވެ. އެއަށް ފަހު އެއީ އިޒުރޭލާ ވަކިނުކުރެވޭނެ ބިމެއް ގޮތުގައި ހަދައި ސްކޫލް ސިލަބަސްތަކުގައި ވެސް ވަނީ ހިމަނާފަ އެވެ.
އދގެ ސަލާމަތީ މަޖިލީހުން އޮގަސްޓް 20، 1980 ގައި ފާސްކުރި 478 ވަނަ ގަރާރު ބުނާ ގޮތުން އިރުމަތީ ގުދުސް އަކީ އިޒުރޭލަށް އެއްވެސް ހައްގެއް އޮތް ބިމެއް ނޫނެވެ.
އިރުމަތީ ގުދުސް އަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ހަދައި -- ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ޑިޕްލޮމެޓިކް އޮފީސްތައް ގުދުސްއަށް ބަދަލުކުރަން އިޒުރޭލުން ހިންގާ ޕްރޮގްރާމްތައް ހުއްޓަލުމަށް ވެސް އދއިން އޮތީ ގޮވާލާފަ އެވެ.