ދުނިޔެ

ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތެއް އޮތްތޯ ބަލަނީ

އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް ރަފާހްއަށް ފުޅާކުރުން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ކޮލަމްބިއާގެ ރައީސް، ގަސްޓާވޯ ޕިތުރޯ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށާއި އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ކަނޑައަޅައިދެއްވުމަށް ވެސް އޭނާ ވަނީ އައިސީސިގައި އެދިވަޑައިގެންފަ އެވެ.

އޮކްޓޯބަރު ހަތަކުން ފެށިން އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ހަރަކާތްތަކުގައި 35،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ ރަސްމީ ހިސާބުތަކުން ފެންނަން އޮތް އަދަދެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނައި ވަޅުލެވިފައިވާ މީހުންގެ ހިމަނައިގެން މި އަދަދު އިތުރުވާނެ އެވެ.

ކޮލަމްބިއާގެ ރައީސް ދެކެވަޑައިގަންނަވާ ގޮތުތައި ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގައި ހިމެނޭ ގިނަ ވަޒީރުންނާ މެދު ވެސް ޝަރިއަތްކުރެވެން ޖެހެ އެވެ.

ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންނަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ނިންމިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މި މައްސަލަ ކިތަންމެ ރަނގަޅަކަށް ބެލި ނަމަވެސް، އެމެރިކާގެ ފިއްތުންތަކާ ހެދި އިޒުރޭލުގެ ވެރިންނާ ދެކޮޅަށް ހުކުންކުރުން ފަސޭހަ ކަމަކަށް ނުވާނެ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އައިސީސީން ހުކުމެއް ކޮށްފި ނަމަ ކްރިމިނަލް ކޯޓަށް ދަތިކޮށް އުވާލާނެ ކަމަށް އެމެރިކާގެ ގާނޫންހަދާ މަޖިލީހުގައި ހިމެނޭ ރިޕަބްލިކަންގެ 12 މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.

ގަސްޓާވޯ ޕިތުރޯ ވިދާޅުވި ގޮތުގައި ނަތަންުޔާހޫ ހުންނެވީ ރަފާހްއަށް އަރައިގަތުން ދޫކުރައްވާ ގޮތަކަށް ނޫނެވެ. ނުފޫޒުގަދަ ގައުމަކުން ނަތަންޔާހުއާ ދެކޮޅަށް ކަމެއް ކުރުމުގެ ކުރިން އޭނާ އެކަން ނުހުންޓާނެ ކަމަށް ވެސް ކޮލަމްބިއާގެ ރައީސް ވިދާޅުވި އެވެ.