ދުނިޔެ

ކޮލަމްބިއާގެ އެމްބަސީއެއް ފަލަސްތީންގެ ރާމަﷲގައި ހުޅުވަނީ

ފަލަސްތީންގެ ސިޓީއެއް ކަމަށްވާ ރާމަﷲގައި ކޮލަމްބިއާގެ އެމްބަސީއެއް ހުޅުވަން އެ ގައުމުގެ ރައީސް ގަސްޓާވޯ ޕިތުރޯ އަމުރުކުރައްވައިފި އެވެ.

ކޮލަމްބިއާގެ ހާރިޖީ ވަޒީރު ލުއިސް ގިލްބާޓޯ މޫރިއްލޯ ވިދާޅުވި ގޮތުގައި ރައީސްގެ އަމުރާ އެއްގޮތަށް އަމަލީ މަސައްކަތައް ކުރިއަށް ދާނެ އެވެ. ރައީސް ވިދާޅުވުމުން އަމަލީ މަސައްކަތްތައް ފެށުނީ ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުން ޣައްޒާއަށް އަރައިގަނެ ހިންގަމުންދާ އުދުވާނަށް ކޮލަމްބިއާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެއީ ފަލަސްތީންގެ ނަސްލު ނައްޓާލަން ޒަޔަނިސްޓުން ހިންގާ އަމަލެއް ކަމަށް ބުނެފަ އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގތުން ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ޕިތުރޯގެ ސަރުކާރުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށާއި އދގެ ސަލާމަތީ މަޖިލީހަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ކަނޑައަޅައި ދެއްވުމަށް ވެސް އޭނާ ވަނީ އައިސީސިގައި އެދިވަޑައިގެންފަ އެވެ.

ޣައްޒާގައި އިޒުރޭލުން ހިންގަމުންދަނީ ގަތުލު އާންމެއް ކަމަށް ވިދާޅުވެ އެ ގައުމުގައި ތިއްބެވި ޑިޕްލޮމެޓުންވެސް ކޮލަމްބިއާއިން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

ފަލަސްތީންގައި ކޮލަމްބިއާ އެމްބަސީއެއް ހުޅުވާނެ ކަމަށް ޕިތުރޯ އެންމެ ފުތަމަ ވިދާޅުވީ އޮކްޓޮބަރު 20، 2023 ގައެވެ.

ކޮލަމްބިއާއިން މި ވާހަކަ ރަސްމީކޮށް އިޒުރޭލަށާއި ފަލަސްތީނަށް ވެސް ވަނީ ކުރިއާލައި އަންގާފަ އެވެ.

ފަލަސްތީންގައި އެމްބަސީއެއް ހުޅުވުމާ އެކު އެއީ މިނިވަން ދައުލަގެއްގެ ގޮތުގައި ކޮލަމްބިއާއިން މުއާމަލާތްކުރުމަށް ރައީސް އަންގަވާފައިވާ ކަމަށް ކޮލަމްބިއާގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް އދގައި ކުރެވޭ ކޮންމެ ބަހުސެއްގައި ފަލަސްތީން ކޮޅަށް ވޯޓު ދެއްވުމަށްވެސް ރައީސް އަންގަވާަފައިވާ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.