ދުނިޔެ

އދ. އަށް ކަލޭމެން ނުހުއްޓުވެންޏާ އަހަރެމެންގެ މީހުން ކަލޭމެން ހުއްޓުވާނެ: ފަލަސްތީންގެ އެމްބެސެޑަރު

"އަހަރެމެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ!"

އދގެ ސަލާމަތާ ބެހޭ މަޖިލީހުގައި ފަލަސްތީން ތަމްސީލްކުރައްވާ ރިޔާޒް މަންސޫރު -- އެ މަޖިލީހުގައި އޭނާއަށް މޫނު ފެނިވަޑައިގަންނަވާ ގޮތަށް އިންނެވި އިޒްރޭލުގެ އެމްބެސެޑަރު ގިލްއާދު އާދަންއާ މުޚާތަބު ކުރައްވައި -- ވިދާޅުވި އަޑު އެ މަޖިލީހުގައި ތިއްބެވިހާ ބަޔަކަށް އިވުނެވެ.

"މި ކައުންސިލުން ކަލޭމެން ހުއްޓުވަން ޖެހޭ!" ރިޔާޒް މަންސޫރު އަނެއްކާވެސް ވިދާޅުވި އެވެ. "ކަލޭމެން ހުއްޓުވުމަކީ މި މަޖިލީހަށް ލާޒިމު ކަމެއް،"

"ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތައް ދެމެހެއްޓުމަކީ މި މަޖިލީހުގައި ތިއްބެވި ކޮންމެ ގައުމަކަށް ވެސް އޮތް ވާޖިބެއް،" ރިޔާޒް މަންސޫރު ވިދާޅުވި އެވެ.

"އިޒްރޭލުން ބޭނުންހާ ގޮތެއް މަސްޖިދުލް އަގްސާއަކަށް ނުހެދޭނެ! -- މި މަޖިލީހުން ކަލޭމެން ހުއްޓުވާނެ. އެކަމަކުވެސް ހަނދާން ބަހައްޓާތި! މި މަޖިލީހަށް ކަލޭމެން ނުހުއްޓުވިއްޖެނަމަ -- އަހަރެމެންގެ މީހުން ކަލޭމެން ހުއްޓުވާނެ!"

ރިޔާޒް މަންސޫރު މި މޭރުމުން އިޒްރޭލަށް އިންޒާރު ދެއްވީ -- އެ ގައުމުގެ އާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ސަލާމަތާ ބެހޭ ވަޒީރު -- އިތަމާރު ބެންގަވީރު އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެވަޑައިގަތުން ކުށްވެރިކުރުމަށް އދގެ ސަލާމަތާ ބެހޭ މަޖިލީހަށް ޗައިނާ އާއި ޔޫއޭއީ އިން ހުށަހެޅި މައްސަަލައަށް ބަހުސްކުރުމަށް ބޭއްވި އެމެޖެންސީ ބައްދަލުވުމެއްގަ އެވެ.

އިޒްރޭލުގެ ހަޔާތެއް ނެތް އަމަލުތައް ކުށްވެރިކުރުމުގައި އދ. އަށް ގޮތެއް ނިންމުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އެއަށް ވުރެ ބޮޑަށް އދ. އޮންނަނީ ހުޅަނގަށް ވިކިފަ އެވެ. އެހެންކަމުން މި މަޝްވަރާތަކަށް ފަހުވެސް އދ. އިން އިޒްރޭލާ މެދު ބަހެއް ބުނާނެ ކަމަކަށް ނުބެލެވެ އެވެ.

އިތަމާރު ބެންގަވީރަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހޫގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އެންމެ ގޮތްކުޑަ ވަޒީރެވެ.

ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލެއްވުމަށް އެ ގައުމުގެ ރައީސް ދެއްވި ފުރުސަތުގައި އިޒްރޭލުގައި އިހްތިރާމެއް ހުރި އެކަކުވެސް ބައިވެރިވާން ބޭނުން ނުވި ކަމަށްވެ އެވެ. އެހެންކަމުން ބެންޖަމިން ނަތަންޔޫއަށް ޖެހިވަޑައިގަތީ ކޮންމެވެސް ގޮތަކުން ސަރުކާރެއް އެކުލަވާލައްވައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމެވެ. މިކަމުގައި ފޮރުވިފައި އޮތް އެޖެންޑާ އަކީ އޭނާގެ މައްޗަށް އުފުލާފައި ހުރި ކޮރަޕްޝަންގެ ދައުވާތައް އޮއްބާލައި ހިންދާލުމެވެ.