ވޮޝިންގްޓަން (ސެޕްޓެމްބަރު 11) - އެމެރިކާ ސިފައިންގެ މައްޗަށް ކުރެވިފައިވާ ދައުވާތައް ކުރިއަށް ގެންދާނަމަ، ދުނިޔޭގެ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
މި އިންޒާރު ދީފައިވަނީ އަފްގާނިސްތާނުގައި ހައްޔަރުގައިތިބި ގައިދީންނަށް އެމެރިކާ ސިފައިން އަނިޔާކުރި މައްސަލަތަކެއް އައިސީސީ އިން ކުރިއަށް ގެންދަން ވިސްނަމުންދާ ދަނޑިވަޅެއްގަ އެވެ.
ދުނިޔޭގެ ކޯޓަކީ "ގަވައިދާ ހިލާފު" މުއައްސަސާއެއް ކަމަށް ސިފަކުރައްވައި، އެމެރިކާގެ ރައްޔިތުން ދިފާއުކުރަން ކޮންމެ ކަމެއް ވެސް ކުރަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވަނީ އިންޒާރު ދެއްވާފަ އެވެ.
ބޯލްޓަންގެ ފާޑުކިޔުން ފުރަތަމަ އަމާޒުކުރެއްވީ، އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ހިންގިކަމަށް ތުހުމަތު ކުރެވޭ ޖަރީމާތައް ފުރިހަމައަށް ތަހުގީގު ކުރުމަށް އައިސީސީ އިން މިދިޔަ އަހަރު އެދުނު އެދުމުގެ މައްޗަށެވެ.
އެކަމާއި ގުޅިގެން ބޯލްޓަން ވިދާޅުވީ އެފަދަ ތަހުގީގެއް ހިންގުމަށް އަފްގާނިސްތާނު ހިމެނޭ ގޮތަށް އެއްވެސް ގައުމަކުން އެދިފައިނުވާ ކަމަށެވެ.
ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރިމާތަކާއި ގުޅިގެން، އެ މައްސަލަތައް އައިސީސީއަށް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތަށް ވެސް ބޯލްޓަން ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި އެކަމާއި ގުޅިގެން އެމެރިކާގައި ހުންނަ ފަލަސްތީނުގެ އެމްބަސީ ބަންދުކުރަން ނިންމާފައިވާކަމަށް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.
"އައިސީސީއަށް އެއްވެސް އެއްބާރުލުމެއް އަހަރެމެން ނުދޭނަން، އައިސީސީއަށް އެއްވެސް އެހީތެރިކަމެއް ވެސް ފޯރުކޮށް ނުދޭނަން، އަހަރެމެން އައިސީސީ އާ ނުވެސް ގުޅޭނަން، އައިސީސީ އަމިއްލައަށް ނެތި ދާން ދޫކޮށްލާނީ، ސަބަބަކީ އަހަރެމެންގެ ނަޒަރުގައި އައިސީސީ ވަނީ މަރުވެފައި،" ބޯލްޓަން ވިދާޅުވި އެވެ.
އައިސީސީގެ ފަނޑިޔާރުންނާއި ވަކީލުން އެމެރިކާއަށް އެތެރުވުން މަނާކުރުމުގެ އިތުރުން، އެމެރިކާގައި ހުރި އެމީހުންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބޯލްޓަން ވަނީ ދެއްވާފަ އެވެ.
ބޯލްޓަންގެ ސްޓޭޓްމަންޓަށް ވައިޓް ހައުސްއިން ވަނީ ތާއީދުކޮށްފަ އެވެ.
އައިސީސީއަކީ 2002 ވަނަ ރޯމްގައި 123 ގައުމަކުން އެއްބަސްވި މުއާހަދާއެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޮޑެތި ގަތުލުއާންމުތަކާއި، ޖަރިމާތައް ބަލާ ފިޔަވަޅުއަޅަން އުފެއްދި ކޯޓެކެވެ.