އެމެރިކާ އަކީ އިންސާނީ ހައްގުތަކަށް ތިޔަބުނާ ވަރަށް އަޅާ ގައުމެއް ނަމަ، މެދުއިރުމަތީގައި އިޒުރޭލަށް ހަތިޔާރު ފޯރުކޮށްދީގެން ކުރަނީ ކޮން ކަމެއްތޯ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ސުވާލުކުރައްވައިފި އެވެ.
ޣައްޒާގައި އެއްވެސް ބާރެއް ނެތް ނިކަމެތި އިންސާނުންނަށް ހަމަލާދިނުމަށް އެމެރިކާއިން ހަތިޔާރު -- ރޮކެޓާއި ބޮން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގުތަކަށް ލޯބިކުރުންްތޯ ވެސް ވާންގް ޔީ ސުވާލުކުރެއްވި އެވެ.
މުސްލިމުންގެ އިންސާނީ ހައްގުތަކަށް އެމެރިކާ އަޅާލާ ކަމަށް ބުުނާއިރު މެދުއިރުމަތީގައި މުސްލިމުން މަދީތޯ ވެސް ވަޒީރު ސުވާލުކުރެއްވި އެވެ.
އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ވާންގް ޔީ ވިދާޅުވީ މުސްލިމުންގެ އާބާދީ ގިނަ ގައުމުތަކުގައި އެމެރިކާގެ އަނިޔާވެރިކަން ބޮޑުކަން ދުނިޔެއަށް އެނގޭ ކަމަށެވެ. ހިތާމައަކީ އެމެރިކާ ދައްކާ ވާހަކަ -- ބަހާއި އަމަލު ދިމާނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި އަރަބިން އުޅޭ ހާލަށް އެމެރިކާ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވެސް ޗައިނާގެ ވަޒީރު ވިދާޅުވި އެވެ.
އަރަބި މުސްލިމުންނާ ޖެހުމުން އެމެރިކާ ލޯ މަރައި ތަގުޅިކުރާކަން ދެނެތިބިން ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ.
އެމެރިކާ އަކީ ވަރަށް ބޮޑަށް -- ދެފުށް ދެގޮތް ބައެއް ކަމަށާއި ސަރުކާރު ހިންގަނީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ފަލަސްތީންގައި ހިންގާ ގަތުލުއާންމަށް އެމެރިކާ އެއްވެސް މިންވަރަކަށް އަޅައިނުލާ ކަމަށާއި، އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހުން ފާސްކުރުމުން ވެސް އެމެރިކާއިން ހުރަސްއެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވާލުމަކީ އެމެރިކާއަށް ދާދި ފަސޭހަކަމެއް ކަމަށް ވާންގް ޔީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެމެރިކާ ބަލަނީ ހަތިޔާރު ވިއްކައިގެން ފައިދާ ހޯދުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ދުނިޔޭގައި ހިނގާ ހުރިހައި ނުބައި ކަމެއްގެ ފެށި ތައާރަފުވަނީ އެމެރިކާއިން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އެމެރިކާއަށް ކުރެވޭ ނުބައި ކަންކަމުން ސަލާމަތްވުމަށް އެއީ ކޮންމެވެސް އެހެން ގައުމަކުން ކުރި ކަމެއް ކަމަށް އެމެރިކާ ހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.