ދުނިޔެ

ފަލަސްތީނަށް ދައުލަތެއް އޮންނަންވާނެ ކަމަށް ބުނާ ބުނުމަކީ މަޅިއެއް

އޮކްޓޯބަރު ހަތެއް، 2023 ގައި އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު ސިފައިންގެ ހަމަލާތަކުގައި 35،000 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ވަނީ މަރުވެފަ އެވެ.

އިޒުރޭލުގެ އަނިޔާވެރި، ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑު އާބާދިއެއް އޮތީ ފަލަސްތީން ކޮޅަށެވެ. ފަލަސްތީން މިނިވަންކުރަން ގޮވާލައި އާންމުންގެ އެތައް ލައްކަ ބަޔަކު އަދިވެސް ތިބީ މަގުމަތީގަ އެވެ.

އަނެއްކޮޅުން ދުނިޔޭގެ އެކި ގައުމުތަކުގައި ސްކޫލް ޔުނިވާސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުން ތިބީ ޝިއާރުތަކާ އެކު ހިމޭން މުޒާހަރާއެއްގަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިންވެސް އިޒުރޭލަށް ފިޔަވަޅުއެޅުމަކީ މިހާރު އޮތް ފުރުސަތެކެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވެރިން ހިފާ ހައްޔަރުކުރަން އައިސީސީން އަމުރެއް ނެރެފާނެ ކަމަށް އިޒުރޭލާއި އަދި އިޒުރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ހުޅަނގުގެ ގައުމުތަކުން ފަލަސްތީނަށް ދައުލަތެއް އޮންނަން ވާނެ ކަމަށް ބުނަނީ އެ މީހުންގެ ލޯކުރިމަތީގައި އިޒުރޭލަށް ހުރި ފުރުސަތުތައް ބެދެމުން އަންނަތަން ފެންނާތީ އެވެ. މިއީ ފަލަސްތީނަށް ހެޔޮކަމެއް ކޮށްދިނުމުގެ ނިޔަތުގައި ހުޅަނގުން ދައްކާ ވާހަކައެއް ނޫނެވެ.

އިޒުރޭލަކީ އަރަބިންގެ ބިންތައް ވަގަށް ނަގައި ހިސާރުކޮށްގެން އާބާދުކޮށްފައި އޮތް ޣައިރު ގާނޫނީ ދައުލަތެއްކަން ހުޅަނގަށްވެސް އެނގެ އެވެ. އިޒުރޭލު މިހާރު އޮތް ބިމުގައި ޔަހޫދީންނަށް ތިބެވިދާނެ ކަމާ މެދުވެސް ހުޅަނގުން ވަރަށް ކަންބޮޑުވެ އެވެ.

އިޒުރޭލު ވަށައިގެން ހަނގުރާމަވެރި ގުރޫޕްތައް އުފެދި ޔަހޫދީންނަށް ކުރަމުން އަންނަ ދުއްތުރާތަކުގެ ސަބަބުން -- އިޒުރޭލަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެމެރިކާވެސް އޮތީ، ވަރަށް ބިރުންނެވެ.

އިޒުރޭލު ހިމާޔަތްކުރުމަށް މި ދަނޑިވަޅުގައި އޮތް ފުރުސަތަކީ ފަލަސްތީން ދައުލަތެއް ގޮތުގައި ބަލައިގަތުން ކަމަށް ހުޅަނގުން ދެކެ އެވެ. ނަމަވެސް ފަލަސްތީނަކީ ދައުލަތެއް ކަމަށް މުޅި ޔޫރަޕުން ބުންޏަސް މިނިވަން ދައުލަތެއްގެ ޝަރަފު -- އާރާއި ބާރު ފަލަސްތީނަކަށް ނުލިބޭނެ އެވެ.

އދގެ އޮނިގަނޑުގެ ތެރެއިން ސަލާމަތީ މަޖިލީހުން ފަލަސްތީނަށް މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ޝަރަފު ދިނުމާ ހަމައަށް -- މިނިވަން ދައުލަތަކަށް ހުއްދަ އޮންނަ އެއްވެސް ކަމެއް ފަލަސްތީނަކަށް ނުކުރެވޭނެ އެވެ.