ދުނިޔެ

އިތަމާރު ބެންގަވީރަށް ދަތިކުރަން ޖެހޭ: ބޮރެލް

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ އިތަމާރު ބެންގަވީރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޯސެފް ބޮރެލް ގޮވާލައްވައިފި އެވެ.

ބޮރެލް ދެކެވަޑައިގަންނަވާ ގޮތުގައި ބެންގަވީރު ކަހަލަ ވަޒީރަކު ސަރުކާރެއްގައި ހުންނަވައިގެން ނުވާނެ އެވެ. ނަތަންޔާހޫގެ ސަރުކާރުން ބެންގަވީރު ބޭރުކުރުމަށް ވެސް ބޮރެލް ގޮވާލެއްވި އެވެ.

އިތަމާރު ބެންގަވީރަކީ ނަތަންޔާހޫ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ ވަޒީރެވެ. އޭނާ އަކީ ފަލަސްތީނަށް ވަރަށް ނުބައިކޮށް ހިއްތަވާ ވަޒީރެކެވެ. ބުނެވޭ ގޮތުގައި ނެޝަނަލް ސެކިއުރިޓީ ވަޒީރުގެ މަގާމު އޭނާ ހޯއްދެވީވެސް ފަލަސްތީން މީހުންނަށް އަދަބު ދެއްވުމަށެވެ.

ބެންގަވީރަށް ދަތިކުރަން ޔޫރަޕިއަން ޔޫނިއަނަށް ބޮރެލް ގޮވާލެއްވީ ބެންގަވީރުގެ ގޮތެއް ނެތް ބަހުރުވައިގެ ސަބަބުންނެވެ. ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލައި ފަލަސްތީން އެއްކޮށް ނައްތާލަންވެސް އޭނާ މީގެ ކުރިން ގޮވާލެއްވި އެވެ.

ޣައްޒާއަށް ތެޔޮ ވެއްދުން މަނާކޮށް ކެއިން ބުއިމަށް ހުރަސް އެޅުމަށްވެސް ބެންގަވީރު މިފަހުން ވަނީ ގޮވާލައްވާފަ އެވެ.

ޣައްޒާ ރައްޔިތުން ބަންޑަށް ޖައްސައި މުޅި އާބާދީ ހަނާކޮށްލުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމަ އަކީ އިޒުރޭލުގެ ދަހިވެތިކަން އޮތްވަރު ދައްކުވައިދޭ ވީޑިއޯ މަންޒަރެކެވެ. ހަނގުރާމަ ހުއްޓާލަށް އިޒުރޭލަށް ނުކުރިގެން އުޅޭއިރު އަދިވެސް ދައްކަންވީ މިޒާތުގެ ވާހަކަތޯ ބޮރެލް ސުވާލުކުރެއްވި އެވެ.

ބެންގަވީރު މިދާކަށް ދުވަހު އެއްވުމެއްގައި ވާހަކަދައްކަވަމުން ހަމާސްއާ އެކު ސުލްހަވާނެ ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫގެ ސަރުކާރުން ހަަމާސްއާ ސުލްހަވުން ވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އިޒުރޭލަށް އެންމެ ރަނގަޅުވާނީ ޣައްޒާ ތަލާ ސުންނާފަތިކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތަމާރު ބެންގަވީރު ފަދައިން އިޒުރޭލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮތުރިޗް އަކީ ވެސް ފަލަސްތީން މީހުންނަށް ގޮތްކުޑަ ބަސްތައް ރައްދުކުރައްވާ ވަޒީރެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގެ ރައްޔިތުންނަކީ މަރަންވެފައި ތިބި ބައެކެވެ.

ޣައްޒާގައި ތިބީ އިންސާނުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހެންކަމުން ކާންބޯން ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.