އިންގެލޭންޑް

އިނގިރޭސިވިލާތުން އައިސީސީގައި ވަކާލާތު ނުކުރާނެ

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް އަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް -- އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ކަނޑައަޅައި ދިނުމަށް އެ ކޯޓުގެ އެންމެ އިސް ޕްރޮސެކިއުޓަރު ކަރީމް ޚާން އޮތީ އެދިވަޑައިގެންފަ އެވެ.

މި މައްސަލައިގެ ތެރެއަށް ވަނުމަށް އެދި ނުފޫޒުގަަދަ ބައެއް ގައުމުތަކުންނާއި މިނިވަން މުއައްސަސާތަކުން އަދި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް އޮތީ އައިސީސީއަށް ހުށަހަޅާފަ އެވެ.

މިގޮތުން މި މައްސަލައިގެ ތެރެއަށް ވަނުމަށް އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ސަރުކާރު -- ބޮޑުވަޒީރު ރިޝީ ސުނަކްގެ ވެރިކަމުގައި އޮތީ ހުށަހަޅާފަ އެވެ. ނަމަވެސް އިނިގިރޭސިވިލާތުން މިހާރު ބުނަނީ އެ މައްސަލައިގެ ތެރެއަށް ވަނުމަކީ އިނގިރޭސިންގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އައިސީސީން އެ މައްސަލަ ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ ބަޔާނުގައި ބުނެފައި އޮތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޮއާވް ގަލަންޓް ހައްޔަރުކުރަން އަމުރެއް ނެރުމަކީ އައިސީސީއަށް ލިބިފައި އޮތް ބާރެއް ކަމާ މެދު އިނގިރޭސިވިލާތުން ދެން ސުވާލު ނުއުފައްދާނެ ކަމަށެވެ. އަދި އެ މައްސަލަ ބެލުމުގެ ހުރިހާ އިހްތިޔާރެއް އައިސީސީއަށް ދޫކޮށްލާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާރު އޮތީ ލޭބާ ޕާޓީގެ ވެރިކަމެކެވެ. ބޮޑުވަޒީރަކީ ކީރު ސްޓޯމާ އެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމަށް ފަލަސްތީނުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. ފަލަސްތީނަށްވެސް އިންސާފު ލިބެން ޖެހޭ ކަމަށް އިނގިރޭސިން ގަބޫލުކުރުމަކީ ހެޔޮ ފާލެއް ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ. އަދި އެއީ ފަލަސްތީނާއި އިނގިރޭސވިލާތާ ދެމެދު ގުޅުން ބަދަހިވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށްވެސް ފަލަސްތީންގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި 39،100 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް މުޅި ދުނިޔެ ބުނި ނަމަވެސް އިޒުރޭލުން ބުނަނީ އަމިއްލަ ދިފާއުގައި ހަރަކާތްތެރިވުމުގެ ހައްގު ޔަހޫދީންނަށްވެސް އޮންނަންވާނެ ކަމަށެެވެ.

ޣައްޒާ ހަނގުރާމައިގައި އެންމެ ބޮޑު ނުބައެއް ހަދަނީ އެމެރިކާ އާއި އިނިގރޭސިވިލާތެވެ. އިޒުރޭލަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދެނީ އެމެރިކާ އާއި އިނގިރޭސިންނެވެ.