ދުނިޔެ

ރަތް ކަނޑުގެ ސަލާމަތާ ބެހޭ ގޮތުން ހޫސީން އީޔޫއާ މަޝްވަރާކޮށްފި

ރަތް ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާ އެކު ހަރުދަނާ އަދި ދެމެހެއްޓެނިވި މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ބުނެފި އެވެ.

ނޯވޭ މެދުވެރިކޮށް ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބުނު ކަމަށް ހޫސީންގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

އީޔޫއާ އެކު ކުރެވުނު މަޝްވަރާތަކުގައި ރަތް ކަނޑަކީ ރައްކާތެރި މައިދާނެއް ކަމަށް ބުނި ކަމަށް ހޫސީން ބުންޏެވެ. އެކަމަކު އިޒުރޭލަށް މުދާ އުފުލާ އެއްވެސް އުޅަނދަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށްވެސް ހޫސީން ބުންޏެވެ.

ހޫސީން ބުނީ އެމެރިކާއާއި އިނގިރޭސި މަނަވަރުތަކަށް ހަމަލާދޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނަށް އަންގާފައި ވާނެ ކަމަށެވެ.

އެމެރިކާއާއި އިނގިރޭސިން ވަނީ ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދިފައި ކަމަށް ޔޫރަޕިއަން ޔޫނިއަނަށް އަންގާފައި ވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހޫސީން ބުނީ ޔަމަނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެއްވެސް އުޅަނދަކަށް ހަމަލާ ނުދޭ ކަމަށެވެ. ހޫސީންގެ ހަމައެކަނި އަމާޒަކަށް އޭރު ވެފައި އޮތީ އިޒުރޭލު ކަމަށްވެސް ބުންޏެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަނުން އަދި ބަޔާނެއް ނުނެރެ އެވެ. އަދި ނޫސްތަކަށްވެސް އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ހޫސީން ބުނާ ގޮތުން އިނގިރޭސިންނާއި އެމެރިކާއިން ރަތް ކަނޑުން ނުފައިބައިފިނަމަ އެ ޖަމާއަތުން ހަމަލާތައް ވަރުގަދަކުރާނެ އެވެ. އަދި މީގެ ކުރިން ބޭނުން ނުކުރާ ހަތިޔާރު ބޭނުންކުރާނެ އެވެ.

ހޫސީންގެ އަމާޒުތަކަށް ހަމަލާދޭހާ ހިނދަކު އިނގިރޭސި އުޅަނދުތަކާއި އެމެރިކާގެ އުޅަނދުތައް ވާނީ ސައްހަ އަމާޒުތަކަކަށް ކަމަށްވެސް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.

އިޒުރޭލަށް މުދާ އުފުލާ ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ހޫސީން ބުނި ނަމަވެސް -- އެ ނޫން ގައުމަކަށް މުދާ އުފުލާ އެއްވެސް އުޅަނދަކަށް ހަމަލާ ނުދޭނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އެހެން ގައުމުތަކުގެ ބޯޓުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށްވެސް ހޫސީން ވަނީ ބުނެފަ އެވެ.