އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 2017 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަގުރެއްގައި ޖާސޫސްކުރަން މަސައްކަތްކުރެއްވި ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އޭނާ އޭރު ހުންނެވީ ފޮރިން ސެކްރެޓަރީ -- ޚާރިޖީވަޒީރުގެ މަގާމުގަ އެވެ. އިނގިރޭސި ޚާރިޖީ ވުޒާރާގައި، ވަޒީރަށް ޚާއްސަކޮށްފައި ހުންނަ ފާޚާނާއަށް ނަތަންޔޫ ވަދެވަޑައިގެން ކުރެއްވި ކަމެއް ކުރެއްވުމަށް ފަހު ނުކުމެވަޑައިގަތުމުން އިނގިރޭސި ސަލާމަތީ އޮފިޝަލުން އެ ފާޚާނާ ޗެކުކުރެއްވި އެވެ.
އިނގިރޭސި ސަލާމަތީ އޮފިޝަލުންނާ ހަވާލާދެއްވައި ބޮރިސް ޖޯންސަން ވިދާޅުވީ، ނަތަންޔާހޫ ފާޚާނާ ބޭނުކުރައްވަން ކަަމަށް ވިދާޅުވެ، ފާޚާނާއަށް ވަދެވަޑައިގެން ޖާސޫސްކުރާ އާލާތެއް ފާޚާނާގައި ހަރުކުރެއްވި ކަމަށެވެ.
ނަތަންޔާހޫ ހަރުކުރެއްވީ ދައްކާ ވާހަކަ އަޑުއަހާ ކަހަލަ ކުޑަކުޑަ އާލާތެއް ކަމަށް ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
ޖޯންސަން މިހެން ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ލިޔެ ތައްޔާރުކޮށް އަދި މިހާރު ޝާއިއުކުރުމުގެ މަރުހަލާގައި އޮތް ފޮތެއްގަ އެވެ. މި ފޮތުގައި އޭނާ އަދި ވިދާޅުވީ ފާޚާނާއިން އެ އެއްޗެއް ފެނުނީ ނަތަންޔާހޫ ފާޚާނާ ބޭނުންކުރެއްވުމަށް ފަހު ކަމަށެވެ.
ނަތަންޔާހޫ މި ފާޚާނާއަށް ވަދެވަޑައިގަތުމަށް ދެއްކެވި ވާހަކަތައް ވެސް މި ފޮތުގައި ވަނީ ހިމަނާފަ އެވެ.
ޖޯންސަން ވިދާޅުވި ގޮތުގައި އެ ދުވަހު ނަތަންޔާހޫ ފާޚާނާއަަކަށް ބޭނުންޖެހި ވަޑައިގެން ވަކި ފާޚާނާއަކަށް ވަދެވަޑައިގަތުމަށް ބޭނުންވި އެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އެ ފާޚާނާ އަކީ ބޭރުގެ އެއްވެސް ލީޑަރަކު ބޭނުންކުރައްވައިފި ނަމަ ސެކިޔުރިޓީން ޗެކްކުރާ ފާޚާނާ އެކެވެ، މިހެން ކަން އޮއްވައި ނަތަންޔާހޫ ނުކުމެވަޑައިގަތުމާ ދިމާކޮށް ސެކިޔުރިޓީ އޮފިޝަލުން ވަދެވަޑައިގެން މުޅި ތަން ބަލާ ފާސްކުރީ ކަމަށް ވެސް ޖޯންސަން ވިދާޅުވި އެވެ.
މިއީ ފަހަރެއްގައި އިއްތިފާގަކަށް ވެސް ވެދާނެ ކަމަށް ބޮރިސް ވިދާޅުވި އެވެ. އެކަމަކު އިނގިރޭސި ޚާރިޖާ ވަޒީރުގެ ފާޚާނާއިން ޖާސޫސްކުރާ އާލާތެއް ފެންނުމުން ނަތަންޔާހޫ ނޫން އެހެން މީހަކަށް ޝައްކުކުރެވެން ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ބެހޭ ގޮތުން އިތުރު ތަފުސީލަށް ނޫސްތަކުން އެދުމުން ބޮރިސް ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި އޭނާގެ ފޮތް ބާޒާރަށް ނެރޭނެ ކަމަށެވެ. ރަނގަޅު ގޮތަކީ ކިޔަން އެދޭ ކޮންމެ މީހަކު ފޮތެއް ގަތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.