އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސީރީއަށް ވަޑައިގެން ވެރިރަަށް ދިމިޝްގަައި ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވައިފި އެވެ.
މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އީރާންގެ ހާރިޖީ ވަޒީރު ކުރެއްވި ދަތުރެއް ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް އަރައިގަތް ފަހުން އީރާން އޮންނަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގަ އެވެ. ސަބަަބަކީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަކީ ސީދާ އީރާނުން އަމުރު ނަގާ ހަނގުރާމަވެރި ޖަމާއަތަކަށް ވާތީ އެވެ.
ހަމާސް ދެމިއޮތުމާއި ނިމުމަކީ އީރާނަށް ވަރަށް ބޮޑު ކަމަކަށް ވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ.
އަނެއްކޮޅުން ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަކީ ވެސް އީރާނުން މަދަދު ހޯދާ ހަނގުރާމަވެރި ޖަމާއަތެކެވެ.
އީރާންގެ ޕްރޮކްސީތަކެއް ގޮތުގައި މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަމާސް އާއި ހިޒްބުﷲ އަދި ހޫސީންނަކީ އީރާނަށް ވަރަށް ބޮޑަށް ބަރޯސާކުރާ ޖަމާއަތްތަކެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނުން މަދަދުދީގެން ހިންގާ މިފަދަ ހަނގުރާމަވެރި ގުރޫޕްތައް ސީރިއާއަށް މޫލަނީ ބިމުއަޑިންނެވެ. ހަނގުރާމަވެރި ގުރޫޕްތައް ދަތުރުކޮށް އުޅުމަށް ބިންގަރާސްތައް ހަދާފައި ހުންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އީރާން އާއި އިޒުރޭލާ ދެމެދު މިހާރު އުފެދިފައި ނުތަނަވަސް ކަމުގައި އީރާން މިހާރު އޮތީ އިޒުރޭލުން ދީފާނެ ހަމަލާއެއްގެ އިންތިޒާރު ގައެވެ.
އީރާނުން މިދާކަށް ދުވަހު އިޒުރޭލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކަށް ބަދަލުހިފުމަށް އިޒުރޭލު އޮތީ ކެތްމަދުވެފަ އެވެ.
މިހެންކަމުން މިއީ ސީރީ އާއި ލުބްނާން އަދި ޔަމަނުގައި ތިބި އީރާންގެ ހަނގުރާމަވެރިންގެ ކިބައިން އީރާން ބޮޑު ކަމަކަށް އެދޭނެ ވަގުތެކެވެ.
ސީރިއާގެ ރައީސް އަސަދާ ބައްދަލުކުރައްވައި އީރާންގެ ހާރިޖީ ވަޒީރު، އީރާންގެ ރޭވުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށް ބެލެވެ އެވެ. އަދި ސީރިއާގައި ހަރަކާތްތެރިވާ އީރާންގެ ހަނގުރާމަވެރިންނަށް މަދަދު ފޯރުކޮށްދިނުމުގައި، ސީރިއާ ސަރުކާގެ ސިފައިންގެ ދައުރަކަށް އެދިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.