އިޒުރޭލުން ސުންނާފަތިކޮށްފައި އޮތް ގައުމު އަލުން ބިނާކޮށް އާބާދުކުރުމަކީ ވަރަށް ބޮޑު ގެންޖެހުމެއް ނަމަވެސް، އެކުވެރި އަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު އެ މަސައްކަތް ފައްޓަވާނެ ކަމަށް ލުބްނާންގެ އާ ރައީސް، ޖޫޒީފް އޫން ވިދާޅުވެއްޖެ އެވެ.
ލުބްނާންގެ ގާނުންހަދާ މަޖިލީހުން މިއަދު ވަނީ އެ ގައުމަށް އާ ރައީސަކު ހޮވާފަ އެވެ. އެ މަގާމަށް ހޮވާފައި ވަނީ އަސްކަރިއްޔާގެ ވެރިޔާ އޫން އެވެ.
ރައީސަކު ހޮވުމަށް ގާނޫންހަދާ މަޖިލީހުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުން އޫންއަށް އަޣުލަބިއްޔަތު ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް، ދެވަނަ ބުރުގައި 128 މެމްބަރުންގެ ތެރެއިން 99 މެމްބަރަކު ވަނީ އޭނާއަށް ވޯޓުދީފަ އެވެ.
ލުބްނާންގައި އެންމެ ފަހުން ރައީސްގެ މަގާމުގައި ހުންނެވި މީޝާލް އޫން އޮކްޓޯބަރު 2022 ގައި، ދައުރު ހަމަވުމާ ގުޅިގެން ވަނީ އިސްތިއުފާދެއްވާފަ އެވެ. އެއަށް ފަހު ރައީސްކު ހޮވުވަށް ގާނޫންހަދާ މަޖިލީހުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ހިޒްބުﷲގެ އުނދަގުލާ ހެދި ރައީސަކު ހޮވޭ ގޮތް އޮތީ ނުވެފަ އެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ގާނޫންހަދާ މަޖިލީހުގައި އޫން ވިދާޅުވީ، ލުބްނާން އަލުން އާބާދުކޮށް ތަރައްގީކުރުމަށް ސިޔާސީ ލީޑަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ސަރުކާރެއް އެކުލަވާލި ނަމަވެސް، ކުރިއަށް ދާން އޮތް ގޮތް އޮޅުންފިލުވުމުގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ އެހީތެރިކަމަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލުބްނާން އަލުން އާބާދުކުރުމުގައި ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސީރިއާގެ އެއްބާރުލުން ހޯއްދަވާނެ ކަމަށް އާ ރައީސް ވިދާޅުވި އެވެ.
އޫން ވިދާޅުވި ގޮތުން ލުބްނާން އަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ ގައުމެކެވެ. ދުޝްމަނުންގެ ކިބައިން ރައްކާތެރިކަން ހޯދުމާއި އަދި ދިފާއުވުމަކީ ވެސް ލުބްނާނަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމު ތަރައްގީކުރުމުގައި އެމެރިކާ އާއި ޔޫރަޕްގެ އެހީތެރިކަން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޫންގެ އުފަން ތާރީޚަކީ ޖެނުއަރީ 10، 1964 އެވެ. މިހެންކަމުން އޭނާއަށް މި އަހަރު ޖެނުއަރީ 10 ގައި 61 އަހަރު ފުރޭނެ އެވެ. ތައުލީމީ ހަޔާތުގައި ދެ ޑިގްރީ ހާސިލުކުރެއްވި އެވެ. އެއީ ޕޮލިޓިކަލް ސައިންސާއި، މިލިޓަރީ ސައިންސުންނެވެ.