ލުބްނާންގެ އާ ރައީސް، ޖޫޒީފް އޫން ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ އެވެ. މިއީ ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް އޫން ކުރައްވާ ދަތުރެކެވެ.
އޫންގެ މި ދަތުރަށް އަދި ވަކި ތާރީޚެއް ނެތް ނަމަވެސް، މިއީ ޖޫޒީފް އޫން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އޫން ލުބްނާންގެ ރައީސްކަމުގެ ހުވައިކުރެއްވުމަށް ފަހު ގާނޫންހަދާ މަޖިލީހުގައި ދެއްވި ތަގުރީރުގައި ވެސް ވަނީ ގައުމުގެ ތަރައްގީއަށް އަރަބި އެކުވެރިންގެ އެއްބާރުލުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
ސައޫދީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވޭތު، މިސްރު އަދި ގަތަރާ އެކު ގާތް ގުޅުންތަކެއް އުފައްދާނެ ކަމަށް އޫން ވިދާޅުވި އެވެ. އަދި ވަކިން ޚާއްސަކޮށް ސީރިއާ އަކީ އެކުވެރި ގައުމެއް ކަމަށް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
ލުބްނާންގައި ރައީސަކު ނެތި ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިއުމަށް ފަހު، ރައީސަކު ހޮވުމަށް ގާނޫންހަދާ މަޖިލީހުގައި ނެގި ވޯޓުގެ ފުރަތަމަ ބުރުން އޫންއަށް އަޣުލަބިއްޔަތު ލިބޭ ގޮތެއް ނުވި އެވެ.
ނަމަވެސް، ދެވަނަ ބުރުގައި 128 މެމްބަރުންގެ ތެރެއިން 99 މެމްބަރަކު ވަނީ އޭނާއަށް ވޯޓުދީފަ އެވެ.
ލުބްނާންގައި އެންމެ ފަހުން ރައީސްގެ މަގާމުގައި ހުންނެވި މީޝާލް އޫން އޮކްޓޯބަރު 2022 ގައި، ދައުރު ހަމަވުމާ ގުޅިގެން ވަނީ އިސްތިއުފާދެއްވާފަ އެވެ. އެއަށް ފަހު ރައީސްކު ހޮވުވަށް ގާނޫންހަދާ މަޖިލީހުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ހިޒްބުﷲގެ އުނދަގުލާ ހެދި ރައީސަކު ހޮވޭ ގޮތް އޮތީ ނުވެފަ އެވެ.
ޖޫޒީފް އޫންގެ އުފަން ތާރީޚަކީ ޖެނުއަރީ 10، 1964 އެވެ. އޭނާގެ މިހާރުގެ އުމުރަކީ 61 އަހަރެވެ.
އޫންގެ ތައުލީމީ ހަޔާތުގައި ޕޮލިޓިކަލް ސައިންސުން ޑިގުރީއެއް އަދި މިލިޓަރީ ސައިންސުން ވެސް ޑިގްރީއެއް ހާސިލުކުރެއްވި އެވެ.