ސީރިއާގެ އިންގިތާލީ ރައީސް އަހުމަދު ޝައްރާއު މަގާމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ސައޫދީއަށް ވަޑައިގެންވި އެވެ.
މިއީ ސައޫދީގެ މަސްއޫލުވެރިން އަދި ވަކިން ޚާއްސަކޮށް ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ މަޝްވަރާކުރެއްވުމަށް ޝައްރާއު ކުރެއްވި ދަތުރެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝައްރާއުގެ މި ދަތުރާ ބެހޭ ތަފުސީލު، ސައޫދީ މީޑިއާތަކުން އަދި ސީރިއާގެ މީޑިއާތަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޝައްރާއުގެ މިދަތުރާ ބެހޭ ގޮތުން ބޮޑަށް ބެލެވިފައި ވަނީ މިއީ ސީރިއާ އާބާދުކުރުމާ ބެހޭ ގޮތުން އަދި ސަރަހައްދުގެ ސަލާމަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.
އަހުމަދު ޝައްރާއު ސީރިއާގެ ވަގުތީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ ޖެނުއަރީ 29، 2025 ގައެވެ. އޭނާ ރައީސްގެ ޒިންމާތައް އުފުއްލަވާނީ ސީރިއާގައި އާންމު އިންތިޚާބަކުން ރައީސަކު ހޮވެންދެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގައި އާންމު އިންތިހާބެއް ބޭއްވުމަށް އަދި ހަތަރު ވަރަކަށް އަހަރު ނަގާނެ އެވެ.
ސީރިއާގައި 25 އަހަރަށް ދިގުދެމިގެން ގޮސްފައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން، ޑިސެމްބަރު 8، 2024 ގައި ވައްޓާލައި ވެރިކަމާ ހަވާލުވެފައި ވަނީ ހަޔާތު ތަހުރީރުއްޝާމް (އެޗްޓީއެސް) ގެ ހަނގުރާމަވެރިންނެވެ.
އެޗްޓީއެސްގެ ލީޑަރުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ޝައްރާއު، ސީރިއާ މިނިވަންކުރެއްވުމަށް ފަހު އެ ގައުމުގެ ލީޑަރުގެ މަގާމަށް ވަޑައިގަތީ އެވެ.
ސީރިއާގެ ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ޝައްރާރު ވަނީ ގައުމު ބިނާކުރެއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސީރިއާ ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުެރެވޭނީ ސައޫދީއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސީރިއާ އަލުން ބިނާކުރުމަށް އަރަބި އެކުވެރިން -- ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި މިސްރު ފަދަ ގައުމުތަކުން އެހީތެރިން ފޯރުކޮށްދޭނެ ކަމަށް އޮތީ ބުނެފަ އެވެ.
ސީރިއާ އަކީ މުސްލުމު ޖަމާއަތުގެ މައި ނާރަކަށް ވާތީ ގަލްފު އަރަބި ގައުމުތަކުން ޚާއްސަ އިނާޔަންތަކެއް ދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.