ދުނިޔެ

ސީރިއާގައި ގައުމީ ސަލާމަތާ ބެހޭ ކައުންސިލެއް

ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު ޝައްރާއު -- ރިޔާސީ ގަރާރަކުން ގައުމީ ސަލާމަތާ ބެހޭ ކައުސިލެއް ވަނީ އުފައްދަވާފައި
100%
0%
0%

ސީރިއާގައި ގައުމީ ސަލާމަތާ ބެހޭ ކައުސިލެއް ގާއިމުކުރުމަށް އެ ގައުމުގެ އިންތިގާލީ ރައީސް އަހްމަދު ޝައްރާއު ނިންމަފައިވި އެވެ. ބޭނުމެއް ކަމަށް ވިދާޅުވީ ގައުމީ ސަލާމަތާއި ސިޔާސީ ސިޔާސަތުތައް ވިލަރެސްކޮށް ދެމެހެއްޓުން ކަމަށެވެ.

ރައީސް ރިޔާސީ އަމުރަކުން އުފެއްދި މި ކައުންސިލް ހިންގާނީ ސީދާ ރައީސްގެ އަމުރަށެވެ. ރިޔާސަތު ބަލަހައްޓަވާނީ ޝައްރާއު އެވެ. އަދި ޚާއްސަ މުޝީރުންގެ ގޮތުގައި ޚާރިޖީ ވަޒީރާއި، ދިފާއީ ވަޒީރު އަދި އިންޓެލިޖެންސްގެ ވެރިންވެސް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ކައުސިލަށް ލަފާދިނުމަށް ޚާއްސަ ކޮމިޓީއެއް ވެސް ގާއިމުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މެމްަބަރުންގެ ގޮތުގައި ތިއްބަވާނީ ރައީސްއަށް ވަފާތެރި އިލްމީ، ގާބިލު ތަޖުރިބާކާރުންނެވެ.

ކައުންސިލްގެ ބައްދަލުވުންތައް ބާއްވާ ދުވަސްތަކާއި އެޖެންޑާ ކަނޑައަޅުއްވާނީ ސީދާ ރައިސް، ޝައްރާއު އެވެ. މުހިންމު ކަމެއް ނެތް ނަމަވެސް، ބައްދަލުވުންތައް ދޭތެރެ ދޭތެރެއިން ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ނިންމުންތައް ނިންމުމުގައި ދައުލަތަށް ދިމާވާ ގޮންޖެހުންތަކަށް މެމްބަރުން މަޝްވަރާކުރައްވާނެ އެވެ. އަދި ވަކި ގޮތެއް ނިންމާނީ ކައުންސިލް މެމްބަރުންގެ މަޝްވަރާއަށް ބައްލަވައި ރައީސްގެ އިރުޝާރާ އެކު އެވެ.

ސީރިއާގައި ގައުމީ ސަލާމަތާ ބެހޭ ކައުސިލެއް އުފައްދާފައި މި ވަނީ މިދިއަ ހަފުތާގައި، އެ ގައުމުގެ ދެ ސިޓީއެއްގައި -- ލާޒިގިއްޔާ އަދި ތަރޫތޫޝްގައި ހިނގާދިޔަ ހާދިސާތަކަކާ ގުޅިގެންނެވެ.

މި ހާދިސާގައި، ސީރިއާގެ ކުރީގެ ރައީސް ބައްޝާރަށް ވަފާތެރި ހަނގުރާމަވެރިންގެ ގުރޫޕަކުން އަމަން ބަލަހައްޓާ ސިފައިންނަށް ހަމަލާދިނުމާ ގުޅިގެން ބޮޑު ލޭއޮހޮރުވުމެއް ވަނީ ހިނގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރިއާ ސިފައިންގެ އަތުން، އާންމުގެ ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ އަސަދުގެ ސަރުކާރު ވެއްޓުނު ފަހުން، ހަނގުރާމަވެރިންގެ ފަރާތުން ސަރުކާރަށް ދިން އެންމެ ވަރުގަ ހަމަލާ އެވެ.

އަސަދުގެ ސަރުކާރު ވައްޓާލުމަށް ފަހު ސީރިއާގައި މިހާރު ގާއިމުކޮށްފައި އޮތް ޝައްރާއުގެ ސަރުކާރުން ވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް ސުލްހަވުމަށް ދައުވަތުދީފަ އެވެ. ނަމަވެސް، ލާޒިގިއްޔާ އާއި ތަރޫތޫޝް ފަދަ ބައެއް ސަރަހައްދުތަކުގައި އަސަދަށް ވަފާތެރި ހަނގުރާމަވެރިން އަދިވެސް އެބަ ތިއްބެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910