ސައޫދީ އަރަބިިއްޔާގެ އޮފިޝަލުން ސީރިއާއަށް ވަޑައިގެން ވެރިރަށް ދިމިޝްގުގައި، ސައޫދީ އެމްބަސީ އަލުން ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އެބަދެ އެވެ. މިއީ 12 އަހަރަށް ފަހު ސިރިއާ އަލުން އަރަބި ލީގަށް ވެއްދުމަށް ފަހު މިހާރު މަސްރަހު އޮތް ގޮތެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައޫދީ ޚާރިޖީ ވުޒާރާގެ އޮފިޝަލުން ދިމިޝްގުގައި ސީރިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ސައޫދީ އެމްބަސީ އަލުން ހުޅުވައި މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.
އަރަބި ލީގުން ސީރިއާ ވަކިކުރީ 2011 ގައި ފެށުނު ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ.
ސީރިއާ ސަރުކާރުން ވަފާތެރި ސިފައިން އާންމު ރައްޔިތުންނަށް އަނިޔާވެރިވުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. މި ސަބަބާ ހެދި ސީރިއާއާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން އަރަބި ގައުމުތަކުން ކަނޑާލި އެވެ. އަދި ދިމިޝްގައި ހުރި އެމްބަސީތައް ބަންދުކޮށް ސަފީރުން އަނބުރާ ގައުމަށް ގެންދިޔަ އެވެ.
އެހެން ނަމަވެސް، 12 އަހަރަށް ފަހު ސީރިއާއަށް ލުއިދީ އަރަބި ލިގަށް ވަނީ ވައްދާފަ އެވެ. އަދި ސީރިއާއާ އެކު ކުރިން އޮތް ޑިޕްލޮމެޓިކް ގުޅުން އިއާދަކުރުމުށް އަރަބި ގައުމުތަކުން ވަނީ ނިންމާފަ އެވެ.
ސީރިއާ އަރަބި ސަފަށް އަލުން މިގެނައީ ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަކަށް ފަހު އެވެ. މި ވަޝްރާތައް ކުރިއަށް ދިޔައިރު ސީރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ސައޫދީއަށް ވަޑައިގެން ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވި އެވެ.
ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާ ވެސް ސީރިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދާ ވެސް ބައްދަލުކުރެއްވި އެވެ. އަދި ސީރިއާއާ މެދު އަރަބި ގައުމުތަކުން ދެކޭ ގޮތް ފާޅުކުރެއްވި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އޮތް އަރަބި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިސްރުގެ ފޮރިން މިނިސްޓަރު ސަމީހް ޝުކުރީ ވަނީ ސީރިއާ އަކީ އަރަބި ލީގަށް މުހިއްމު ގައުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އަރަބި ލީގުގެ ބައްދަލުވުންތަކުގައި ސީރިއާގެ މަންދޫބުން މީގެ ފަހުން ބައިވެރި ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.