ސައުދީ އަރަބިއްޔާ އާއި ސީރިއާއާ ދެމެދު ކޮންސިއުލާ ހިދުމަތްތައް އަލުން ފެށުމަށް ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ފަށައިފި އެވެ. ސައޫދީ ހާރިޖީ ވުޒާރާއިން ޓީވީ މެދުވެރިކޮށް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސައޫދީ ހާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި ސީރިއާއާ އެކު މަޝްވަރާތައް ކުރިއަށް ދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ސީރިއާގެ ހަމަޖެހުން އަދިވެސް އޮތީ ސައުދީން ބަލައިގަންނަ ފެންވަރުގައި ނޫން ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް، ސީރިއާއާ އެކު ކޮންމެވެސް ފެންވަރެއްގައި ގުޅުން ދެމެހެއްޓުން މުހިއްމު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބައްޝާރުލް އަސަދުގެ ސަރުކާރާ އަރަބި ގައުމުތަކާ އެކު ކުރިން އޮތް ގުޅުން ބަލިކަށިވި ސަބަބަކީ، އަސަދަށް ތާއިދުކުރާ ސިފައިން އާންމުންގެ މައްޗަށް ގަދަވެގަނެ ނުހައްގު ބޮޑެތި އަނިޔާތައް ދޭން ފެށުމުންނެވެ.
މި މައްސަލާގައި އަރަބި ގައުމުތަކުން ވަނީ ސީރިއާގައި ތިބި އެ ގައުމުތަކުގެ ސަފީރުން ގައުމަށް ގެންގޮސްފަ އެވެ. އަދި ސައޫދީން ވެސް 2011 ގައި އެ ގައުމުގެ ސަފީރު ވަނީ ގައުމަށް ގެންގޮސްފަ އެވެ.
އަރަބި ލީގުގައި ސީރިއާ އަލުން ބައިވެރިކުރުމާ ބެހޭ ގޮތުން ވެސް އަރަބި ގައުމުތަކުގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް އެބަ ދެއެވެ. އޭގެ ކުރިން ސީރީއާއިން ވެސް އަމަލުތައް ހެޔޮ މަގަށް އެޅުވުމަށް ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.
ސައޫދީން ކޮންސިއުލާ ފެންވަރުގައި ހިދުމަތް ފެށުމުން އަރަބި އެހެން ގައުމުތަކުން ވެސް ސީރިއާއާ އެކު ގުޅުން ބަދަހިކުރާނެ އެވެ. އަދި ގައުމުތަކުގެ މެދުގައި ސުލްހަ ދެމެހެއްޓޭ ގޮތެއްގައި އަރަބި ގައުމުތަކުގެ ސަފަށް ސީރިއާ އަނބުރާ ގެންނާނެ ކަމަށް ބެލެވެ އެވެ.