ދުނިޔެ

ސީރިއާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު 12 އަހަރަށްފަހު ފްލައިޓްތައް އަލުން ފަށައިފިި

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު (ކ)ގައި އަދި ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން -- ސީރިއާގައި މަޝްވަރާކުރައްވަނީ
100%
0%
0%

ސީރީއާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު 12 އަހަރަށްފަހު ފްލައިޓްތައް އަލުން ފަށައިފި އެވެ.

ސީރިއަން އަރަބް ނިއުސް އެޖެންސީ (ސަނާ) އިން ބުނި ގޮތުން ސައޫދީ އާއި ސީރިއާއާ ދެމެދު ފްލައިޓްތައް އަލުން ފެށުމަށްޓަކައި ކުރި ފުރަތަމަ ދަތުރުގައި، ސީރިއަން އެއާލައިންސްގެ މަތިންދާބޯޓެއް، ސައޫދީގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސާފަ އެވެ.

ސައޫދީއާ ސީރިއާއާ ދެމެދު ފްލައިޓްތައް އަލުން ފެށުމަކީ ދެ ގައުމުގެ ގުޅުން އާދައިގެ ހާލަތަކަށް އެޅިފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ސައޫދީގައި ހުންނަވާ ސީރިއާގެ ސަފީރު އައިމަން ސައުސަން ވިދާޅުވި އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އަދި އިގުތިސާދީ މުއާމަލާތްތައް ހިންގައިގަތުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އާއި ސީރިއާއާ ދެމެދު ގުޅުން ގޯސްވެ މުއާމަލާތްކުރުން މެދުކަނޑާލީ 2012 ގައެވެ. އެއީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި -- އަސަދަށް ވަފާތެރި ސިފައިން އާންމު ރައްޔިތުންނަށް ކެމިކަލް ހަތިޔާރުން ހަމަލާދިނުމާ ގުޅިގެންނެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުން ހީނަރުވެފައި އޮންނަތާ 11 އަހަރަށްފަހު ގުޅުން ބަދަހިކުރުމަށް މަޝްވަރާތަށް ފަށައި މިއަހަރުގެ މެއި މަހު ސައުދީން ވަނީ ސީރިއާއަށް ސަފީރަކު އައްޔަންކޮށްފަ އެވެ.

ސައޫދީ އަރަބިއްޔާ އާއި ސީރިއާއާ ދެމެދު ގުޅުން ގާތްކުރުމަށް ކުރި މަސައްކަތްތަކުގައި، ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އޭޕްރީލް 18، 2023 ގައި ސީރިއާއަށް ވަޑައިގެން ވެރިރަށް ދިމިޝްގައި، އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރެއްވި އެވެ. އަދި އެއަށްފަހު ސައޫދީގައި އޮތް އަރަބި ލީގު ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މެއި 19، 2023 ގައި އަސަދު ވެސް ސައޫދީއަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުއާމަލާތް ކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345