ސީރިއާ 12 އަހަރަށް ފަހު އަލުން އަރަބި ލީގަށް ވައްދައި ރަސްމީ ހައިސިއްޔަތު މިހާރު ވަނީ ދީފަ އެވެ. މިއީ ބައެއް ގައުމުތަކަށް ބަލައިގަންނަން ފަސޭހަ ބަދަލެއް ނޫން ނަމަވެސް، އަރަބި އެކުވެރި ގައުމުތަކުން ބުނަނީ މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށެވެ.
އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުން ސީރިއާ އަރަބި ލީގުގައި އަލުން ބައިވެރިވުމަކީ އިޒްރޭލަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ވަނީ ވިދާޅުވެފަ އެވެ. އަސްކަރީ ކޮމާންޑަރުންނާ އެކު އޮތް ބައްދަލުވުމެއްގައި، ސީރިއާ މަސްރަހު އަލުން އަންދާޒާކުރެއްވުމަށް ގަލާންޓް އަމުރުކުރެއްވި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
އަރަބި ގައުމުތަކާ އެކު ސީރިއާ ގުޅުން ބަދަހިކުރުމަކީ ޔޮއާވް ގަލާންޓް ވިދާޅުވި ގޮތުގައި ބައްޝާރުލް އަސަދުގެ ސަރުކާރު އެކަހެރިކުރަން ވަރަށް ބޮޑު ހުރަކަށް ވާނެ އެވެ. އަދި އިޒްރޭލުން ސީރިއާއަށް ދޭ ހަމަލާތައް ހުއްޖަތްދެއްކުން އުނދަގޫ ކަމަކަށް ވާނެ އެވެ.
ސީރިއާއަށް އަރަބި ގައުމުތަކުން އެހީވާން ފެށުމުން އަސަދުގެ ސަރުކާރު ބާރުގަދަވުމަކީ ވެސް އިޒްރޭލަށް އޮތް ނުތަނަވަސް ކަމެއް ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ.
ސީރިއާގެ ސަބަބުން އިޒްރޭލަށް ނޭދެވޭ އަސަރުކުރާނެކަން އަދި ބުނަން ނޭނގޭ ކަމަށް އިޒްރޭލުގެ ސިޔާސީ ތަޖުރިބާކާރުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަދި ވަކި ގޮތެއް ނިންމުން ފަސޭހަނުވާނެ ކަމަށްވެސް އެ މީހުން ބުނެ އެވެ. އެހެންނަމަވެސް އަސްކަރީ ގޮތުން ދެން އިޒްރޭލަށް ބޭނުންހާ ގޮތެއް ސީރިއާއަށް ނުހެދޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ސީރިއާގައި އީރާންގެ އަސްކަރީ ބާރުތައް ފުޅާކުރުމަށްވެސް އަރަބި ލީގުގެ މި އެއްބާރުލުމުގެ ސަބަބުން ފުރުސަތު ފަހިވާނެ އެވެ. އޭރުން އިޒްރޭލުން ބޭނުން ވަގުތެއްގައި ސީރިއާއަށް ހަމަލާދިނުން ދަތިކަމަކަށް ވާނެ އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި މިދިޔަ ހުކުރު ދުވަހު އޮތް އަރަބި ލީގުގެ ބައްދަލުވުމުގައި ބައްޝާރުލް އަސަދު ވަނީ ބައިވެެރިވެ ވަޑައިގެން ތަގުރީރުކުރައްވާފަ އެވެ. މިއީ 2011 ގައި ސީރިއާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ސައޫދީއަށް އަސަދު ކުރެއްވި ފުރަތަމަ ދަތުރެވެ.