ދުނިޔެ

ސީރިއާގެ ބަފަޒޯން ދޫކޮށްލަން އިޒުރޭލުން ދެކޮޅުހަދަަނީ

ސީރިއާ އާއި އިޒުރޭލާ ދެމެދު އޮންނަ ބަފަޒޯން ދޫކޮށްނުލާނެ ކަމަށް އިޒުރޭލުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުން އިޒުރޭލު ސިފައިން އެ ސަރަހައްދުގައި ދެމިތިބޭނެ އެވެ.

އިޒުރޭލުން މިހެން ބުނެފައި މިވަނީ ބަފަޒޯން އިސްތިއުމާރު ނުކުރުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތް އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން -- އެ ސަރަހައްދު ދޫކޮށް ފޭބުމަށް އިޒުރޭލަށް ގޮވާލާފައި ވަނިކޮށެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު، އިޒްރޭއީލް ކަޒުގެ ވާހަކަތައް ހުރީ ވެސް، ދިފާއީ ބާރުތައް އެ ސަރަހައްދުން ބާލާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ ބަފަޒޯނަށް ނިސްބަތްކުރެވޭ ސަރަހައްދުގައި، އިޒުރޭލުގެ ދިފާއީ ބާރުތައް ތިބޭނެ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ވަގުތީ ދިފާއީ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވީ އެއީ ސީރިއާ ތެރެއިން ހަނގުރާމަވެރިން އިޒުރޭލަށް އަރާފާނެތީ ކަމަށެވެ.

ސީރިއާގެ ވެރިކަމުގައި މިދާކަށް ދުވަހާ ޖެހެންދެން ހުންނެވި ބައްޝާރުލް އަަސަދުގެ 25 އަހަރުވީ ވެރިކަން ހަނގުރާމަވެރިން ވަނީ ވައްޓާލަފަ އެވެ. މިކަމާ ގުޅުވައި ވާހަކަދައްކަވަމުން އިޒުރޭލުގެ ބޮޑުވަޒީރު ވަނީ ސީރިއާގެ ގޯލާންގެ އުސް ބިންތަކަކީ އިޒުރޭލާ ވަކިކުރެވޭނެ ސަރަހައްދެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ސީރިއާގެ ގޯލާންގެ އުސްބިންތައް ކަމަށް ބަލާ ސަރަހައްދުން ބޮޑު ބައެއް 1967 ވަނަ އަހަރުން ފެށިގެން އޮންނަނީ އިޒުރޭލުން އިސްތިއުމާރުކޮށްފަ އެވެ. ޔަހޫދީން މިހާރު ބަލަނީ އެއީ އިޒުރޭލުގެ އަމިއްލަ ސަރަހައްދެއް ކަމަށެވެ.

ބަފަޒޯން އޮންނަނީ ގޯލާންގެ އުސްބިންތަކުން އިޒުރޭލު އިސްތިއުމާރުކޮށްފައި އޮންނަ ސަރަހައްދު އިޒުރޭލަށް ވާ ގޮތަށް -- އަދި އޭގެ ބޭރުން ފެށިގެން ސީރިއާއާ ދެމެދު އެވެ.

ބަފަޒޯން އަކީ އދއިން ސުލްހަ ބަލަހައްޓާ ސަރަހައްދެކެވެ. ނަމަވެސް، އިޒުރޭލުގެ ދިފާއީ ބާރުތަކުން މިހާރު ވަނީ ބަފަޒޯނަށް ވަދެގަނެ ސަރަހައްދުގެ ކޮންޓްރޯން ނަގާފަ އެވެ.