ދުނިޔެ

އިރާންއާ ހަނގުރާމަކުރަން ޖެހިލުމެއް ނުވޭ: އިޒުރޭލު

އިރާނުން ކޮންމެފަދަ ހަމަލާއެއް އިޒުރޭލަށް ދިން ނަމަވެސް ރައްދު ހަމަލާތަކަށް މުޅިން ތައްޔާރު ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވެއްޖެ އެވެ.

ގަލަންޓް ވިދާޅުވި ގޮތުގައި އިޒުރޭލު އޮތީ އީރާނަށް ދޫކުރާ ގޮތަކަށް ނޫނެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީގެ އިމާރާތަކަށް އޭޕްރީލް އެކެއްގައި އިޒުރޭލުން ދިން ހަމަލާތަކާ ގުޅިގެން ގައުމުތަކުން އިޒުރޭލަށް ދިން ރައްދުގެ ސަބަބުން ޔަހޫދީން ތިބީ ޖެހިލުންވެފަ އެވެ.

އަނެއްކޮޅުން އިޒުރޭލުގެ ކިބައިން ބަދަލު ނުހިފައި ދޫކޮށް ނުލާނެ ކަމަށް އީރާނުން ބުނެ އިއުލާންކުރުމާ ގުޅިގެންވެސް ޒަޔަނިސްޓް ވެރިންގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވަދެފަ އެވެ.

އިރާނުން ބުނީ އިޒުރޭލަށް ހަމަލާދޭނީ ކުރިއާލާ ބުނެފައި ނޫން ކަމަށެވެ. އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ކުދި ވިކުން ވިކައި ޒަޔަނިސްޓުން ރޮއްވާލާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

އިރާންގެ މި އިންޒާރާ ގުޅިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާގެ ކެބިނެޓް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އިރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރަށް އޮތުމަށް ވަނީ ނިންމާފަ އެވެ.

އީރާންގެ އެމްބަސީއަށް ދިން ހަމަލާގައި އިރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ހަތް މެމްބަރަކު ވަނީ މަރާލާފަ އެވެ. މީގެތެރޭގައި ވަރަށް އިސް ދެ ޖެނެރަލުން ވެސް ހިމެނެ އެވެ.

އިރާންގެ ސީރިއާ އެމްބަސީއަށް ހަމަލާދިން ކަމަކަށް އިޒުރޭލުން ނުބުނެ އެވެ. ނަމަވެސް ޒަޔަނިސްޓުންގެ ހަރަކާތްތައް ހުރި ގޮތުން އެ ހަމަލާގެ ފަހަތުގައި އޮތީ އިޒުރޭލުކަން ކަށަވަރުވެ އެވެ.

އިޒުރޭލުގެ މި ހަމަލާއާ ގުޅިގެން އެމެރިކާ، ސައޫދީ އަރަބިއްޔާ، ރަޝިއާ އަދި ދުނިޔޭގެ ގަދަބާރުތަކުން ވަނީ އިޒުރޭލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އިޒުރޭލާ އެންމެ ގާތް އެމެރިކާ ވެސް ބުނީ ޑިޕްލޮމެޓިކް ފައުޖުތަކަށް -- ގައުމުތަކުގެ ސަފީރުން ބޭނުންކުރާ އިމާރާތްތަކަށް ހަމަލާދިނުމަކީ އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.

އިރާނުން ރައްދު ދިނުމުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ ފައުޖުތަކަށް ހަމަލާދީފާނެ ކަމަށް ބަލައި އެމެރިކާއިން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިރާނަށް އަންގާފަ އެވެ. ޖަވާބުގައި އރާނުން ބުނީ އިޒުރޭލުގެ ހިމާޔަތުގައި ނުނިކުމެ މަޑުން ތިބެއްޖެ ހަމަ އެމެރިކާގެ އެއްވެސް ތަނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.