ސައޫދީ އަރަބިއްޔާގައި މިއަދު އޮންނަ އަރަބި ސަމިޓްގައި ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ބައިވެރިވަޑައި ގަންނަވާނެ ކަމަށް ސީއެންއެން އަދި ބްލޫމްބާގުން ބުނެފި އެވެ.
ޚަބަރުތައް ބުނާ ގޮތުން ޖަޕާންގެ ހީރޯޝިމާގައި މިއަދު އޮންނަ "ޖީ ސެވަން" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޒެލެންސްކީ ވަޑައިގަންނަވާނީ އަރަބި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެވެ.
ޖިއްދާގައި އޮންނަ އަރަބި ސަމިޓު މިފަހަރު ޚާއްސަވާ އަނެއް ސަބަބަކީ 12 އަހަރަށް ފަހު ސީރިއާގެ ރައީސް ބައްޝާރުލް އަސަދު މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާތީ އެވެ. އަސަދު މިހާރު ވަޑައިގެން ހުންނެވީ ސައޫދީ އަރަބިއްޔާގަ އެވެ.
ސީރިއާ ހަނގުރާމަ 2011 ގައި ފެށުމާ ގުޅިގެން އަރަބި ގައުމުތަކުން ސީރިއާ އޮތީ އެކަހެރިކޮށްފަ އެވެ. އެހެން ނަމަވެސް، ސީރިއާ އަލުން އަރަބި ސަފަށް އެރުވުމަށް ގައުމުތައް ރުހި މިހާރު އޮތީ އަހުދުވެފަ އެވެ.
އަސަދު ސައޫދީއަށް ވަޑައިގެން އަރަބި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާއިރު ޒެލެންސްކީ ވެސް ހަމަ މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް، މި ދެ ލީޑަރުންނަކީ -- މިހާރު ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަތުރުންގެ ގޮތުގައި ތިއްބެވި ދެ ލީޑަރުންނެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގެ ބަދަލުގައި އަސަދުގެ ސަރުކާރުން ދިފާއުކުރީ ރަޝިއާ އެވެ. އެއީ ސީރިއާ އާއި ރަޝިއާއާ އެކު އޮން ޒަމާންވީ ގުޅުމެއްގެ ސަބަބުންނެވެ.
އެމެރިކާ އާއި ހުޅަނގަށް ފޫޅުކެނޑި ގައުމުތަކުން ޔުކްރޭނަށް ތާއިދުކުރާއިރު، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އަސަދަކީ ހުޅަނގުން ގަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ކުށްވެރިއެކެވެ.
އެހެންކަމުން އަސަދު ހައްޔަރުކޮށް ބައިނަލްއަގްވާމީ މުޖުރިމުންގެ ކޯޓެއްގައި އަސަދަށް ޝަރީއަތް ހިންގެން ޖެހޭ ކަމަށް ހުޅަނގުން ދެކެ އެވެ.