އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ސައޫދީއަށް ވަޑައިގަންނަވާނެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ސައޫދީ އަކީ އޭނާއަށް ވަރަށް ކަމޭހިތާ ގައުމެކެވެ. ސައޫދީގެ ވެރިން އޭނާއާ އެކު ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބާއްވަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން ހަތިޔާރު ގަތުމަށް ސައޫދީން ވަރަށް ބޮޑު ހޭދައެއްކުރާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާގައި އެންމެ ގިނައިން އިންވެސްޓްކުރާ ގައުމު ތެރޭގައި ސައޫދީ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރު ލިބިވަޑައިގަތުމާ ގުޅިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރަކީ ސައޫދީ ދަަތުރު ކަމަށް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މިކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ވެސް ބައްދަލުކުރައްވާނީ ސައޫދީގަ އެވެ. އެކަމަކު އެއީ މި ދަތުރުގެ ތެރެއިން ކަމެއް ވިދާޅެއް ނުވެ އެވެ.
ޕޫޓިންއާ އެކު އެއް މޭޒުދޮށުން ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަކީ ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ޓްރަމްޕް ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ.
ޑޮނަލްޑް ޓްރަމްޕް މި ފަހަރު ރައީސްކަމުގެ ހުވައިކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ފޯނުން ވާހަކަދެއްކެވި ގައުމެއްވެ ވެރިއަކީ ވެސް ސައޫދީގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން އެވެ.
މި ފޯނުކޯލުގައި ދެ ލީޑަރުން ވަނީ ވިޔަފާރި އާއި ސަލާމަތާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ސައޫދީން 600 ބިލިއަން ޑޮލަރު އެމެރިކާގައި އިންވެސްޓްކުރާނެ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.