ދުނިޔެ

އިޒުރޭލަށް އޮތީ ވޭންގަދަ ރައްދަކަށް އިންތިޒާރުކުރުން: އީރާން

ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އިރާންގެ އެމްބަސީއަށް އިޒުރޭލުން ހަމަލާދީ ހަތް މީހަކު މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ރޫހުގައި އީރާނުން ވާހަކަދައްކައިފި އެވެ.

އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއަލާހިޔާން ވިދާޅުވި ގޮތުގައި އީރާނުގެ ކުއްލި ހަމަލާއަކުން އިޒުރޭލުގެ ކިބައިން ބަދަލެއް ނުހިފާނެ އެވެ. ވަޒީރު އަދި ވިދާޅުވީ އިޒުރޭލަށް އޮތީ ވޭންގަދަ ރައްދަކަށް އިންތިޒާރުކުރުން ކަމަށާއި ކުދި ވިކުން ވިކައި ޔަހޫދީން ރޮއްވާލާނެ ކަމަށެވެ.

ވަޒީރު މި އިޝާރާތް ކުރެއްވީ ސީރިއާ، އީރާގު، ލުބްނާން އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށެވެ.

އީރާންގެ މަދަދުވެރިކަމާއެކު ހަރަކަތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން މިހާރުވެސް އިޒުރޭލަށް ލައްކަ ޖެއްސުން ކުރެ އެވެ.

އިޒުރޭލުން އީރާންގެ އެމްބަސީއަށް ހަމަލާދިނީ ވެސް އީރާނުން ހަކަތަދީގެން ހިންގާ ހަނގުރާމަވެރި ގުރޫޕްތަކުން ޔަހޫންދީންގެ ޝައުގުތަކަށް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

އީރާންގެ ސީރިއާ އެމްބަސީއަށް އިޒުރޭލުން ދިން ހަމަލާތަކުގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ހަތް މެމްބަރަކު ވަނީ މަރާލާފަ އެވެ. މީގެތެރޭގައި ވަރަށް ސީނިއާ ދެ ކޮމާންޑަރަކު ވެސް ހިމެނެ އެވެ.

ސައޫދީ އަރަބިއްޔާއާއި ރަޝިއާއިން ވެސް ވަނީ އިޒުރޭލުގެ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އިޒުރޭލުގެ ކިބައިން ބަދަލުހިފުން މިހާރު ހައްގު ކަމަށް ވިދާޅުވެ އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވީ ބަދަލުހިފާނެ ގޮތާއި ވަގުތު އަދި ހަމަލާގެ ބާވަތްތައް ކަނޑައަޅާނީ އެންމެ އެކަށީގެންވާ ވަގުތުގައި -- އިރާނުން ކަމަށެވެ.

އިޒުރޭލުން މިފަހުން ކޮންމެ ދުވަހަކުން ސީރިއާއަށް ހަމަލާދެ އެވެ. އާންމު ގޮތެއްގައި ހަމަލާދެނީ އިރާންގެ ޝައުގުތަކަށެވެ. ހަމަލާ ދިނުމަށްފަހު ހިމޭނުން އޮތުމަކީ އިޒުރޭލުގެ ޔަހޫދީ ސިފައެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިޒުރޭލުގެ ކިބައިން ބަދަލުހިފުމަށް އަވަސްވެ ނުގަންނާނެ ކަމަށާއި އެކަމަކު އީރާނުން ބަދަލު ނުހިފާނެ ކަމަށް ނުވިސްނުމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

އިރާން އަކީ އިޒުރޭލަށް ހަމަލާދެވޭ ވަރުގެ ކުޅަދާނެ ގައުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އިޒުރޭލުން ދިން ހަމަލާއަކަށް އަދި އެއަށް ވުރެ ބާރުގަދަ ހަމަލާތަކެއް ދިނުމުގެ ކުޅަދާނަކަން އީރާނަށް މިހާރު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އަކީ ސީރިއާގެ ރައީސް ބައްޝާރު އަލްއަސަދުގެ ވަރަށް ގާތް އެކުވެރިއެކެވެ. ސީރިއާ ހަނގުރާމަ 2011 ގައި ފެށުނު ފަހުން ބައްޝާރަށް ކުލީ ސިފައިން ހޯދައި ދިނުމުގައި އީރާނުން ވަރަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.