އީރާނާއި އެ ގައުމަށް ވަފާތެރި ހަނގުރާވެރި ގުރޫޕްތަކުން އިޒުރޭލަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ފައިޓަރު ޖެޓުތަކެއް މެދުއިރުމައްޗަށް ފޮނުވައިފި އެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާނުގައި ހުއްޓާ މަރާލުމާ ގުޅިގެން އީރާނާއި އިޒްބުﷲ އަދި ހޫސީން ވަނީ އިޒުރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެ މީހުންގެ ހަމަލާތައް އިޒުރޭލުގެ ފުނަށް -- ވެރިރަށް ތެލްއަވީވްގައި އާންމުން ދިރިއުޅޭ ތަންތަނަށް ދޭނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.
އީރާންގެ އިންޒާރުތައް މިހާރުވެސް އޮތް ގޮތަށް ދެމިއޮވެއްޖެނަމަ އިތުރު ޖެޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުންޏެވެ.
ސެންޓްރަލް ކޮމާންޑުން ބުނި ގޮތުން އީރާންގެ ކިބައިން އިޒުރޭލު ހިމާޔަތްކުރުމަށް ބޭނުންވާ ގިނަ ތައްޔާރީތައް މިހާރު ހުރީ ނިމިފަ އެވެ. އެމެރިކާގެ ނިއުކްލިއާ ސަބްމެރީންތައްވެސް މިހާރު ވަނީ އެ ސަރަހައްދަށް ނަގިލިލާފައި ކަމަށް ސެންޓްކޮމްއިން ބުންޏެވެ.
އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީން ބުނި ގޮތުން އީރާނުން ސީދާ ހަމަލާތަކެއް އިޒުރޭލަށް ދީފިނަމަ އެ ހަމަލާތަކުގައި ހޫސީން ބައިވެރިވާނެ އެވެ. އަދި އިޒުރޭލަށް ގުޑާނުލެވޭ ވަރު ކުރާނެ އެވެ.
ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އިންވެސް ވަނީ މިފަދަ މޭރުމުން ބަސްބުނެފަ އެވެ.
ހިޒްބުﷲ ބުނި ގޮތުން އިޒުރޭލާ އެކު ފުރިހަމަ ހަނގުރާމައެއް ކުރުމަށް އީރާން ނިންމައިފިނަމަ ދޮންކަޅު އަންގާނުލާނެ އެވެ. އަދި އިޒުރޭލުގެ އެންމެ ފުނަށް ހަމަލާދީ މުޅިތަން އަންދާލާނެ އެވެ.
ހަމާސްގެ ލީޑަރު އިޒުރޭލުން މަރާލުމާ ގުޅިގެން އަރައިގަތް ރުޅީގައި ހީވީ އީރާނުން ދެންމެ ދެންމު އިޒުރޭލަށް ހަމަލާދީފާނެހެންނެވެ. ނަމަވެސް އެ ހާދިސާއަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް، އީރާނުން އިޒުރޭލަށް ހަމަލާދިން ތަނެއް ނުފެނެ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި އިޒުރޭލާ އެއްކޮޅަށް އެމެރިކާ އާއި އިނގިރޭސިން ނުކުންނާނެކަން އިއުލާންކުރުމާ އެކު އީރާންގެ ވިސްނުމަށް ބަދަލުތައް އޮތީ ގެންނަން ޖެހިފަ އެވެ. އަދި އިޒުރޭލަށް ހަމަލާދިނުމަކީ އީރާނަށް އެންމެ ރަނގަޅު ގޮތް ނޫންކަން އޮތީ ވިސްނިފަ އެވެ. އެމެރިކާ އާއި އިޒުރޭލުގެ ކިބާގައި ހުރި ގާބިލުކަން ފެނި އީރާން ކަންބޮޑުވަނީ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.