ދުނިޔެ

ޔަހޫދީން މައިތިރިނުވެއްޖެނަމަ ހިޒްބުﷲއަށް ގޮވާލަން ޖެހިދާނެ: އީރާން

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފުރުސަތު ނުދީފިނަމަ ދެން އޮތީ ހިޒްބުﷲއަށް ގޮވާލުން ކަމަށް އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވެއްޖެ އެވެ.

އީރާންގެ ހާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ހުންނަ އީރާންގެ އެމްބަސީގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރުގެ މި ދަތުރަކީ ސަރަހައްދީ ބައެއް ގައުމުތަކަށް -- އީރާގު، ސީރިއާ އަދި ލުބްނާނަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ހިޒްބުﷲގެ ވެރިންނާވެސް އޭނާ ބައްދަލުކުރެއްވި އެވެ.

އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ހިޒްބުﷲގެ ވެރިންނާ އޭނާ މަޝްވަރާކުރެއްވި އެވެ. ހަމާސް އަދި އިސްލާމިކް ޖިހާދުގެ ވެރިންނާވެސް އޭނާ މަޝްވަރާކުރެއްވި އެވެ.

އޭނާ އަދި ވިދާޅުވީ ޒަޔޮނިސްޓް ދައުލަތުން ވިސްނުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކާ މެދު ހިތާމަކުރަން ޖެހިދާނެ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން ހަމަލާތައް ހުއްޓާލައި މަޝްވަރާކުރުމަށްވެސް ވަޒީރު ގޮވާލެއްވި އެވެ.

ޒަޔޮނިސްޓުންނަކީ އަބަދުވެސް އަނިޔާވެރިކަމަށް ގޮވާލާ، ބުއްދިފިލާފައި ތިބި ބައެއް ކަމަށްވެސް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީ ބޮޑުޒީރު ބެންޖަމިން ނަތަންޔާހޫއަށް މިހާރު އޮތީ ދެގޮތް ކަމަށް އަބްދުއްލަހިޔާން ވިދާޅުވި އެވެ. އެއީ ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒުދޮށަށް ދިއުން ނުވަތަ ހަނގުރާމަ ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔަހޫދީ ޒަޔޮނިސްޓުން ހަނގުރާމަ އިހްތިޔާރުކޮށްފިނަމަ ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށެވެ.

ޔަހޫދީންގެ ރޭވުމަކީ ހަނގުރާމައިގެ ތެރެއަށް އިރާން ވެއްދުން ކަމަށާއި އެކަމަކު އެއަށް ވުރެ ނުރައްކާ ކަމަކަށް ޔަހޫދީ ދައުލަތަށް ނޭދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިރާނުން ހަނގުރާމައިގެ ތެރެއަަށް ވަދެ ހަމަލާދޭން ޖެހިއްޖެނަމަ ޔަހޫދީން ޖެހޭނީ އެ ބައިގަނޑު އުޅޭނެ ތަނެއް އަލުން ހޯދަން ކަމަށެވެ.