އިޒްރޭލުގެ ޖާސޫސީ އިދާރާ -- މޮސާދުއަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި އީރާންގައި ހަތަރު މީހަކު މަރައިފި އެވެ. މި ހަތަރުން މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.
އީރާންގެހަބަރުތައް ބުނާ ގޮތުން މި ހަތަރު މީހުން މަރަން ޖެހުނީ ގައުމަށް ޣައްދާރުވުމުގެ ސަބަބުންނެވެ.
ދައުލަތުން ވައްކަންކުރުމާއި ފިކުރީ ގޮތުން ދައުލަތަށް ގެއްލުންތަކެއް ދިނުމުގެ ނިޔަތް އޮތުމަކީ އެ މީހުން މަރަން ޖެހުނު ސަބަބު ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި މި މަހު އެކަނިވެސް ފަސް މީހަކު ވަނީ މަރާފަ އެވެ.
މިއަދު މަރުގެ ހުކުމް ތަންފީޒުކުރި ހަތު މީހުންނަކީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކާ ބެހޭ ގޮތުން އިޒްރޭލުގެ ޖާސޫސީ އިދާރާއަށް މައުލޫމާތު ފޯރުކޮށްދިން މީހުން ކަމަށްވެ އެވެ.
ފިކުރީ ގޮތުން ވައްކަންކުރުމުގެ އިތުރުން މި މީހުން ވަނީ އީރާންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތަކެއް ތަކުރާރުކޮށްފައި ކަމަށްވެސް ތަންފީޒީ އިދާރާތަކުން ބުނެ އެވެ.
އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީން ބުނާ ގޮތުން ދައުލަތަށް ގެއްލުން ދިނުމުގެ ކުށުގައި -- މަރުގެ ހުކުމް އިއްވިދާނެ އެތައް ބަޔަކު އަދިވެސް ހައްޔަރުގައި އެބަ ތިއްބެވެ. މި މީހުންގެ ޝަރީއަތް ލަސްވާ ސަބަބު ނޭނގޭ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އީރާނަށް ގަވާއިދާ ހިލާފަށް އަރައި ހުޅަނގަށް ޖާސޫސްކޮށްދޭން މަސައްކަތްކުރި ބަޔަކުވެސް އީރާންގެ ޖަލުތަކުގައި ތިބި ކަމަށް ހަބަރުތައް ބުނެ އެވެ. މި މީހުންގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނޭ ކަމަށްވެސް ވެއެވެ.
ޓޫރިސްޓުންގެ ގޮތުގައި ނަމަވެސް އީރާނަށް މިފަދައިން ވަދެގަނެ އެކި ތަންތަން ވީޑިއޯކޮށް ފޮޓޯ ނެގުމުގައި އުޅުނު ކިތަންމެ ބަޔަކުވެސް ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.
އީރާނުން މިފަދަ މީހުންގެ ބޭނުންހިފަނީ އެހެން ގައުމުތަކުގައި ހައްޔަރުކޮށްފައި ތިބި އީރާންގެ ރައްޔިތުން ސަލާމަތް ކުރުމަށެވެ. އަދި ބައެއް ފަހަރު އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކަށް ލުއި ހޯދުމަށްވެސް މިފަދަ މީހުން ބޭނުންކުރެ އެވެ.
އީރާނުން ބުނާ ގޮތުން އީރާނާ ގުޅުން ހުރި އެކި ތަންތަނަށް އިޒްރޭލުން ހަމަލާދެނީ -- ގައުމަށް ޣައްދާރުވާ މީހުންގެ ސަބަބުންނެވެ.
އަސްކަރިއްޔާގެ ވެރިންނާއި ޖެނެރަލުންގެ ހަރަކާތްތަކަށް ފާރަލައި އެ މީހުން އުޅޭ ތަންތަން އިޒްރޭލަށް އަންގައިދެނީ ވެސް އީރާންގައި ހަރަކާތްތެރިވާ އޭޖެންޓުން ކަމަށް އެ ގައުމުން ބުނެ އެވެ.
އީރާން ބުނާ ގޮތުން ގައުމަށް ޣައްދާރުވެއްޖެނަމަ އެ މީހަކަށް އޮތް ހުކުމަކީ މެރުމެވެ. ޒަޔަނިސްޓުންނަށް ފައިދާއެއް ހޯދައިދިނުމުގެ ނިޔަތާ އެކު ދައުލަތުގެ ސިއްރުތައް ވަގަށް ނަގާ މީހަކަށްވެސް އޮތީ މަރު ކަމަށް ތަންފީޒީ ބާރުތަކުން ބުނެ އެވެ.